March 27, 2026
Advertisement
Dr Jameel
Dr Jameel / ތޭރަ އޮންލައިން

ރެފެންޑްރަމްގައި "އާއެކޭ" ބުނެފިނަމަ ގާނޫނު އަސާސީ ނިމުމަކަށް އަންނާނެ: ޑރ. ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 26, 2026, 10:30 PM
މާލެ ސިޓީ

 އަންނަ އޭޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުންދާ ރެފެންޑްރަމް ވޯޓުގައި ރައްޔިތުން "އާއެކޭ" ބުނެފިނަމަ، ރާއްޖޭގެ ގާނޫނު އަސާސީ ނިމުމަކަށް އަންނާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

Advertisement

މިރޭ ޕީއެންއެފް އިން ބޭއްވި "ޗަގޯސް" ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ގައުމުގެ ހާލަތު އިންތިހާއަށް ނިކަމެތިވެފައިވާ މި ދަނޑިވަޅުގައިވެސް، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައީސް މުޢިއްޒުގެ އަމިއްލަ މަސްލަހަތުފުޅަށްޓަކައި ދެ އިންތިޚާބު އެއްކޮށްލުމަށް ކަމަށެވެ. އަދި މިހާ އުނދަގޫ ވަގުތެއްގައި ގައުމުގެ ވެރިޔަކު ރައްޔިތުންނަށް މިހާ ބޮޑަށް އިހާނެތިކޮށް ކަންތައް ކުރާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށްވެސް ޖަމީލް ފާހަގަކުރެއްވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ، އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ބަންދުވެ، ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށެވެ. މީގެ ސަބަބުން ދިރިއުޅުމުގެ ޚަރަދު ބޮޑުވެ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްފަރުވާގެ ޚިދުމަތްތައްވެސް ފޯރުކޮށްނުދެވޭ ހާލަތަށް ގައުމު ގޮސްފައިވާއިރު، ސަރުކާރުން "ހޭބޯނާރާ" އުޅެނީ ރައީސް މުޢިއްޒު ހިތްހަމަޖެއްސުމަށްޓަކައި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

"ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ވަރަށް ބޮޑު މެނިފެސްޓޯއެއް ދައްކަވައިގެން. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އިތުރު ހޮޅި ވައުދުތަކެއް ވެވަޑައިގެން އިންތިޚާބު ހޯއްދެވި. ނަމަވެސް، އޭރު އެއްވެސް އިރަކު ގާނޫނު އަސާސީ 'ކޮށާ މަށާދޭން' ރައްޔިތުންގެ ކައިރިއަކު ނުބުނޭ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ގާނޫނު އަސާސީއަކީ ރައްޔިތުންގެ އިހުސާސްތަކާއި، އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ވަރަށް މާތް އެއްޗެއް ކަމަށާއި، އެއީ އިރުއިރުކޮޅާ ކުޅެން އޮންނަ އާދައިގެ ލިޔުމެއް ނޫން ކަމަށެވެ. މިހާރު އޮތް ގާނޫނު އަސާސީއަކީ އެތައް މަޝްވަރާއަކާއި އަޑުއެހުންތަކަކަށްފަހު ފުރިހަމަވެގެން އައި އެއްޗެއްކަން ޖަމީލް ހަނދާންކޮށްދެއްވިއެވެ.

"އޭޕްރީލް މަހުގެ ރެފެންޑްރަމްގައި ރައްޔިތުން 'އާއެކޭ' ބުނެފިނަމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު އަސާސީ ނިމުމަކަށް އަންނާނެ. މީގެ ކުރިންވެސް ބަރުލަމާނީ ނިޒާމަށް ރައްޔިތުން 'ނޫނެކޭ' ބުނީ މިފަދަ ސަބަބުތަކަށްޓަކައި. ގާނޫނު އަސާސީގެ ހުރިހާ ބާރެއް ފެށިގެން ނިމިގެން ދަނީ ރައްޔިތުންގެ ކިބައިން،" ޖަމީލް ވިދާޅުވިއެވެ.

ޕީއެންއެފްގެ މި ޖަލްސާގައި ޑރ. ޖަމީލް ވަނީ ސަރުކާރުން ރައްޔިތުންގެ އަސާސީ ބޭނުންތަކަށްވުރެ ބޮޑަށް ސިޔާސީ މަންފާއަށް އިސްކަންދޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved