
ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ސަހްޔޫނީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން، އެންމެ ދެ މަހުގެ ތުއްތު ކުއްޖެއްގެ ހަށިގަނޑުގައި ސިގަރެޓުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފައިވާ ހިތްދަތި ހާދިސާއެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ސަހްޔޫނީ ސިފައިން ފަލަސްތީނުގެ އާއިލާތަކުގެ ގެދޮރަށް ވަދެގަނެ ހިންގި ރެއިޑްތަކެއްގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާގޮތުން، ތުއްތު ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށް، އެ ކުއްޖާ އެކަނިކޮށްލުމަށްފަހު، ސަހްޔޫނީ ސިފައިން ވަނީ އެ ތުއްތު ކުއްޖާގެ ކުޑަ ކުޑަ ހަށިގަނޑުގެ އެކި ތަންތަނުގައި އަނދަމުންދިޔަ ސިގަރެޓް ޖައްސައި ފިއްސާލާފައެވެ. މި އަނިޔާވެރި އަމަލުގެ ސަބަބުން އެ ތުއްތު ކުއްޖާގެ ހަށިގަނޑަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.
މިއީ ހަމައެކަނި ވަކި ހާދިސާއެއް ނޫނެވެ. ފަލަސްތީނުގެ ބިންތަކުގައި ސަހްޔޫނީން ދަނީ ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިންނަށް އަމާޒުކޮށް މިފަދަ އެތައް ލާއިންސާނީ އަނިޔާތަކެއް ކޮންމެ ދުވަހަކުވެސް ހިންގަމުންނެވެ. ތުއްތު ކުދިން ޝަހީދުކުރުމާއި، ހޮސްޕިޓަލްތަކަށް ބޮން އެޅުމާއި، އަދި ހައްޔަރުކުރެވޭ މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދެވޭ މިފަދަ އަނިޔާތަކަކީ ސަހްޔޫނީންގެ އަނިޔާވެރިކަން ހުރި މިންވަރު ހާމަކޮށްދޭ ހެކިތަކެކެވެ.
އިސްލާމީ އުންމަތާއި ބައިނަލްއަގުވާމީ މުޖުތަމައުން މިފަދަ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންދާއިރު، ސަހްޔޫނީންގެ މި ނުބައި ޖަރީމާތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ދިއުމަކީ އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެކެވެ. މި ހާދިސާއިން އަނެއްކާވެސް ހާމަވެގެން މިދިޔައީ ފަލަސްތީނުގެ މުސްލިމުންނާ މެދު ސަހްޔޫނީންގެ ހިތްތަކުގައި އޮތް ބޮޑު ނަފުރަތާއި، އެމީހުންގެ ކިބައިގައި އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް ކަމެވެ.










