
ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި، ހަނގުރާމަ މެދުކަނޑާލުމަށް ފަހުވެސް ލޭއޮހޮރުވުންތައް ހުއްޓުމެއްނެތި ކުރިއަށްދާކަމުގެ ހިތާމަވެރި ރިޕޯޓްތައް ފެންމަތިވެއްޖެއެވެ. ފަލަސްތީނުގެ ސިއްހީ އިދާރާތަކާއި އިސްރާއީލުގެ "ހާރެޓްޒް" ނޫހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ހަނގުރާމަ ހުއްޓާލި ފަހުންވެސް ޣައްޒާގެ 1،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
މި ލޭއޮހޮރުވުންތަކުގައި އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ އެއްވެސް ކުށެއްނެތް އަންހެނުންނާއި ކުޑަކުދިންނަށެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ނަމަވެސް އިސްރާއީލުން ދެމުންދާ ވައިގެ ހަމަލާތަކާއި، ބޮންގޮއްވުމާއި ބަޑީގެ ހަމަލާތަކުގެ ސަބަބުން ކޮންމެ ދުވަހަކުވެސް ފަލަސްތީނުގެ އާއިލާތައް ދަނީ ރޮއްވާލަމުންނެވެ. އިސްރާއީލުން މިއީ "އަމާޒުކޮށްގެން ދޭ ހަމަލާތަކެއް" ކަމަށް ބުނި ނަމަވެސް، ހަގީގަތުގައި މި ހަމަލާތަކުގެ ޝިކާރައަކަށްވެ، ފުރާނަ ގެއްލެމުންދަނީ މަގުމަތީގައި އުޅޭ ކުޑަކުދިންނާއި ގޭގޭގައި ތިބި އާންމުންނެވެ.
އިންސާނީ އެހީދޭ ޖަމިއްޔާތަކުން ވަނީ ޣައްޒާގެ ހާލަތާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔުނިސެފުން ހާމަކުރި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގައިވެސް ކުޑަކުދިން ޝަހީދުވެ، އެތައް ކުދިންނެއް ދަނީ ނުކުޅެދުންތެރިވަމުންނެވެ. ޣައްޒާގެ ކޮންމެ ދިމާލަކުން ފެންނަނީ ހައިހޫނުކަމާއި، ބަލިމަޑުކަމާއި، ގެދޮރު ގެއްލިފައިވާ މިލިއަނުން ރައްޔިތުންގެ ކަރުނައެވެ.
މި މުސީބާތްތަކުން ޣައްޒާގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ އިސްރާއީލަށް ގޮވާލުންތައް ވަރުގަދަކޮށްފައެވެ. އެހީދޭ އިދާރާތަކުން ބުނާގޮތުގައި، މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ދާއިމީ ހަނގުރާމަ ހުއްޓާލުމަކަށް ނާދެވިއްޖެނަމަ ޣައްޒާގައި އޮންނާނީ ހަމައެކަނި ކަރުނައާއި މަރުގެ ހިޔަންޏެވެ. ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ސިޔާސީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ފަލަސްތީނުގެ ރައްޔިތުން ތިބީ އިންސާފާއި މިނިވަންކަމުގެ އިންތިޒާރުގައެވެ.








