
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ ސިއްހީ ހިދުމަތުގެ ނިޒާމު މުޅިން ހަލާކުވެ، ބަލިމީހުންނަށް ބޭނުންވާ އަސާސީ ފަރުވާ ފޯރުކޮށްދިނުމަށް ނުކުޅެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސިއްހީ ހިދުމަތްތެރިންނަށް ވަނީ މަސައްކަތް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ޣައްޒާގެ ސިއްހީ ހިދުމަތްތެރިން ފާހަގަކުރާ ގޮތުގައި، ބަލިމީހުން ބެލުމަށްފަހު ބަލި ދެނެގަނެވުނު ނަމަވެސް، އެމީހުންނަށް ދޭނެ އެއްވެސް ބޭހެއް މިހާރު ހޮސްޕިޓަލްތަކަކު ނެތެވެ. ޑޮކްޓަރުން ޑައިގްނޯސިސް ދިން ނަމަވެސް ދޭން ބޭނުންވާ ބޭހެއް ނެތް ކަމަށް އެ ސަރަހައްދުގެ މަސްދަރުތަކުން މައުލޫމާތު ދެއެވެ. މީގެ ސަބަބުން ފަރުވާ ކުރެވެން ހުރި ބަލިތަކުގައިވެސް ގިނަ ބަޔަކު މަރުވަމުންދާ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ބޭސްފަރުވާގެ ސާމާނު ހުސްވަމުންދާތީ، އާންމުންނަށް މަޖުބޫރުވެފައިވަނީ ބޭރުގެ ބާޒާރުތަކުން އިންތިހާއަށް އަގުބޮޑުކޮށް ތަކެތި ގަތުމަށެވެ. ޣައްޒާގެ ރައްޔިތަކު ބުނި ގޮތުގައި އެމީހުންނަށް މަޖުބޫރުވެފައި މިތިބީ ބޭރުން ހުރިހާ އެއްޗެއް އބޮޑެތި އަގުތަކުގައި ގަންނަން ކަމަށެވެ. މިއީ އާންމު ރައްޔިތުންނަށް އަތްފޯރާ ފަށުގައި ހުރި އަގުތަކެއް ނޫންކަން އޭނާ ފާހަގަކުރިއެވެ.
ޒަމާނީ ތަރައްގީގެ މި ދުވަސްވަރުގައިވެސް، ޣައްޒާގެ ރައްޔިތުންނަށް ދިރިއުޅުން އާރާސްތު ކުރަން ޖެހިފައިވަނީ އެންމެ ކުރީގެ އާދައިގެ ގޮތްތަކަށެވެ. މިޒަމާނުގައި އަޅުގަނޑުމެން ސުމަކުން ފެށޭ ކަހަލަ ގޮތަކަށް އުޅެން މަޖުބޫރުވެއްޖެ ކަމަށް ހާލުގައި ޖެހިފައިވާ މީހަކު ކިޔައިދިނެވެ. އޭނާ އިތުރަށް ބުނީ މިހާރު އޮތް ހަމައެކަނި އުންމީދަކީ ދިރިހުރުން ކަމަށާއި، ކޮންމެ ދުވަހަކީވެސް މަރާ ހަނގުރާމަކޮށް ދިރިހުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުން އަންނަނީ ޣައްޒާއަށް ބޭހާއި ސިއްހީ ސާމާނު ވެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިސްރާއީލުން ހުރަސްތައް ކުރިމަތިކުރުމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް އެހީ ފޯރުކޮށްނުދެވޭކަން އެ ޖަމާއަތްތަކުން ފާހަގަކުރެއެވެ.




