May 6, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސުމޫދު ފްލީޓަށް ސަހްޔޫނީން ހަމަލާދީފި: އެހީގެ ތަކެތި ކަނޑަށް އުކާލައި ފަޅުވެރިން ހައްޔަރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 1, 2026, 11:56 AM
މާލެ ސިޓީ

ޣައްޒާގެ މުސްލިމުން ބަނޑަށް ޖައްސައި ސަހްޔޫނީން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި، އެހީ ހިފައިގެން ދަތުރުކުރި "ސުމޫދު ފްލީޓް" ގެ ބޯޓުތަކަށް ހަމަލާދީ ކަނޑުފޭރުމުގެ ބޮޑު ޖަރީމާއެއް ހިންގައިފިއެވެ.

Advertisement

މެޑިޓަރޭނިއަން ކަނޑުގައި ގްރީސްއާ ގާތްގަނޑަކަށް 45 މޭލު ބޭރުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި މި އުޅަނދުތައް ދަތުރުކުރަނިކޮށް، ސަހްޔޫނީ އަސްކަރިއްޔާއިން ވަނީ ބޯޓުތަކަށް އަރައިގަނެ އެ ތަކެތި ހިފަހައްޓާފައެވެ. މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އައްސޭރިފަށާ ގާތްގަނޑަކަށް 300 މޭލު ދުރުގައި ބޯޓުތައް ވަނިކޮށެވެ.

މި ފްލީޓް މެނޭޖްކުރާ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، ޔަހޫދީ ސިފައިން ވަނީ ފްލީޓުގައި ހިމެނޭ 20 ބޯޓަށް ހަމަލާދީ، އޭގައި ތިބި 175 އަށް ވުރެ ގިނަ ފަޅުވެރިން ހައްޔަރުކޮށްފައެވެ. އަދި ޣައްޒާގެ ނިކަމެތިވެފައިވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގެންދިޔަ ބޭހާއި ކާބޯތަކެތި ހިމެނޭ އިންސާނީ އެހީގެ ބޮޑު ޝިޕްމަންޓް ސަހްޔޫނީން ވަނީ ކަނޑަށް އުކާލައި ފައްތާފައެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވަނީ މި ފޭރުމުގެ އަމަލު ހިންގިކަމަށް އިއުތިރާފުވެ، އެކަމާ މެދު ފަޚުރުވެރިވާކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. މި ލާއިންސާނީ އަމަލާ ގުޅިގެން ތުރުކީން ވަނީ އިސްރާއީލުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މިކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފިޔަވަޅު އެޅުމަށް ވެސް ތުރުކީން ވަނީ ގޮވާލާފައެވެ.

މީގެ ކުރިން ވެސް "ސުމޫދު ފްލީޓް" ގެ ނަމުގައި ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ދެ ފްލީޓަކަށް ސަހްޔޫނީން ވަނީ މިފަދަ ހަމަލާތަކެއް ދީފައެވެ. ސަހްޔޫނީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކުގައި މިހާތަނަށް 75,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ އިސްރާއީލަށް ހަތިޔާރާއި ޖާސޫސީ އެހީތެރިކަން ފޯރުކޮށްދީ، މި ޖަރީމާތަކަށް ހިތްވަރު ދެމުންނެވެ.

ސަހްޔޫނީން ޣައްޒާގެ ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، އާންމުންގެ ގެދޮރު ސުންނާފަތިކޮށް، މުޅި ސިޓީ ބިމާ ހަމަކޮށްލާފައިވާއިރު، އެހީގެ ބޯޓުތަކަށް ހަމަލާދީ ހުއްޓުވަނީ ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖައްސައި ނެތިކޮށްލުމުގެ ނުބައި މަގްސަދުގައެވެ. މި ހުރިހާ ޖަރީމާތަކެއް ދިފާއުކުރުމަށް ސަހްޔޫނީން ބޭނުންކުރާ ބަހަނާއަކީ، އެމީހުންގެ އަޅުވެތިކަމުން މިނިވަންވުމަށް ފަލަސްތީނުގެ މުޖާހިދުން ކުރަމުންދާ ޖިހާދަކީ "ޓެރަރިޒަމް" ކަމަށް ބުނާ ދޮގު އިލްޒާމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved