June 1, 2026
Advertisement
-
-

ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމުގައި މަރުވި މީހުންގެ އަދަދު 72،939 އަށްވުރެ މައްޗަށް

Aiminath Sarah
އައިމިނަތް ސާރާ
May 31, 2026, 06:58 PM
މާލެ ސިޓީ

އިސްރާއީލުގެ ސަހްޔޫނީ ބާރުތަކުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 72،939 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

Advertisement

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން މެދުކެނޑުމެއް ނެތި ދެމުންދާ މި ހަމަލާތަކުގައި މިހާތަނަށް 100،833 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން، އިސްރާއީލުގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ތާށިވެފައިވާ އިރު، އިސްރާއީލުގެ ސިފައިން އެ ސަރަހައްދުތަކަށް އެހީދޭ ފަރާތްތަކަށް ވަނުމަށް ހުރަސްއަޅަމުންދާތީ އެމީހުން ނެރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ބޮޑެތި ގަތުލުއާންމުތަކެއް ހިންގާފައެވެ. މި ހަމަލާތަކުގައި ގިނައިން ޝަހީދުވެފައިވަނީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންދިޔަ ނަމަވެސް، އިސްރާއީލުން ދަނީ އެއްވެސް ޖެހިލުމެއް ނެތި ޣައްޒާގެ ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި އަދި ރެފިއުޖީ ކޭމްޕްތަކަށް ބޮން އަޅަމުންނެވެ. މީގެ ސަބަބުން ޣައްޒާގެ އިންސާނީ ހާލަތު ވަނީ އިންތިހާއަށް ގޯސްވެ، ބަނޑުހައިހޫނުކަމާއި ބަލިމަޑުކަން ވަނީ އާންމުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved