
ސައުދީ އަރަބިއްޔާގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޕްރިންސް ސުލްތާން އެއާ ބޭސްއަށް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރާ އެންމެ އަގުބޮޑު އަދި އެންމެ މުހިންމު އެއް މަތިންދާބޯޓު ކަމަށްވާ އީ-3 ސެންޓްރީ އެވަކްސް (E-3 Sentry AWACS) އަކަށާއި، ވައިގެ ތެރޭގައި ތެޔޮ އެޅުމަށް ބޭނުންކުރާ ބައެއް މަތިންދާބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
މި ހަމަލާގައި ގެއްލުންލިބުނު އީ-3 ސެންޓްރީ އެވަކްސް މަތިންދާބޯޓަކީ އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރާ އުޅަނދެކެވެ. މިއީ ދުޝްމަނުންގެ ނުރައްކާތައް ދުރާލައި ދެނެގަތުމަށާއި، ހަނގުރާމައިގެ މައިދާނުގައި ވައިގެ މަގުން ކޮމާންޑް އެންޑް ކޮންޓްރޯލް ދެމެހެއްޓުމުގެ އިތުރުން، ވައިގެ އޮޕަރޭޝަންތައް ކޯޑިނޭޓް ކުރުމަށް ބޭނުންކުރާ ވަރަށް މަތީ ފަންތީގެ ޓެކްނޮލޮޖީ ހިމެނޭ ބޯޓެކެވެ. މީގެ އިތުރުން ހަނގުރާމަމަތީ ބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮ އެޅުމަށް ބޭނުންކުރާ ޓޭންކަރު ބޯޓުތަކަކަށް ގެއްލުންވުމަކީ އެ ސަރަހައްދުގައި އެމެރިކާއިން ހިންގާ ވައިގެ އޮޕަރޭޝަންތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
މި ހަމަލާ ދީފައިވަނީ މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، އެމެރިކާއިން އިސްރާއީލަށް ދެމުންދާ އެހީތެރިކަމާއި އެ ސަރަހައްދުގައި އެމެރިކާގެ ނުފޫޒު ގަދަވަމުންދާތީ އެކަމާ ދެކޮޅަށް އީރާނުން ދިން ރައްދު ހަމަލާއެއްގެ ގޮތުގައެވެ. މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދަނީ ލިބުނު ގެއްލުންތައް ވަޒަންކުރަމުންނެވެ. ނަމަވެސް މި ހަމަލާއާ ގުޅިގެން ސައުދީ އަރަބިއްޔާއިންނާއި އެމެރިކާއިން ރަސްމީކޮށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވެއެވެ.










