
ގައުމުގައި ބާއްވާ މައި ދެ އިންތިހާބު އެއްކޮށްލަން ނުވަތަ އެއް ދުވަހެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބާއްވަނީ ޚުދުމުހުތާރު ވިސްނުމެއްގެ ތެރެއިން ކަމަށް ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަކީ ދައުލަތް ހިންގުމުގައި އިސްކޮށް ތިބޭ މީހުން ޖަވާބުދާރީ ކުރުވުމާ ދުރު ކުރުވުމެއްގެ ގޮތުގައި ސިފަކުރައްވާ މުނައްވަރު ވިދާޅުވެފައިވަނީ ދެ އިންތިޚާބު އެއް ތާރީޚެއްގައި ނުވަތަ އެކުގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއް ކަމަށެވެ. އަދި ގިނަގިނައިން ވެރިން ރައްޔިތުންގެ ގާތަށް އަންނަންޖެހޭ ގޮތަށް ކަންކަން ބޭއްވުމަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ޑރ.މުނައްވަރު ވިދާޅުވެފައި ވެއެވެ.
މުނައްވަރު މިފަދައިން ވިދާޅުވެފައިމިވަނީ، ރިޔާސީ އިންތިހާބާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ނެގުމަށް ވަނީ އިއުލާންކޮށް އެކަމާ ގުޅިގެން ގިނަ ބަހުސްތަކެއް ފަންނީ މާހިރުންގެ މެދުގައި ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.










