
ހުޅުމާލެއިން އިއުލާން ނުކޮށް ޕާކިން ސްލޮޓު ވިއްކައިގެން ލިބުނު ފައިސާއިން 90 މިލިއަނެއްހާ ރުފިޔާ ރިޝްވަތުގެ ގޮތުގައި ބަހާފައިވާ ކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާޒު ވިދާޅުވީ ފާއިތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ވަރަށް ބައިވަރު ފައިސާ ނާޖާއިޒު ގޮތުގައި ކެމްޕޭނަށް ބޭނުންކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
ސަރުކާރުން ކެމްޕޭނަށް ރިޝްވަތުގެ ފައިސާ ބެހި ނަމަވެސް ނިޔާޒު ވިދާޅުވި ގޮތުގައި މިނިވަން ދިރާސާތަކުން ދައްކަނީ ރައްޔިތުން ބޮޑުތަނުން ރައީސް މުއިއްޒު އަށް ނޫނެކޭ ބުނާ މަންޒަރެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބަށް ސަރުކާރުން ކުރަމުން އަންނަ ކެމްޕެއިންނަށް ފައިސާ ހޯދުމަށް "ކަޓު ނަގައިގެން" އެޗްޑީސީން ހުޅުމާލެއިން 600އަށް ވުރެ ގިނަ ޕާކިން ސްލޮޓް ވިއްކި ކަމުގެ ތުހުމަތުތަކެއް އިއްޔެ ވަނީ ފެންމަތިވެފަ އެވެ.
ދައުރު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން މިދިޔަ މަހު ކުރީކޮޅުން ފެށިގެން ހުޅުމާލެ ފޭސް 1 އާއި ފޭސް 2ގެ ހަތް ސަރަހައްދަކުން 600އަށް ވުރެ ގިނަ ޕާކިން ސްލޮޓް "ބޮޑު އަގުގައި ކަޓު ނަގައިގެން ވަނީ ވިއްކާލާފަ" އެވެ.










