
ލޯކަލް ކައުންސިލް އިންތިހާބާ އެކު އެމްޑީޕީގެ މެމްބަރުންނަށް ޒިންމާދާރު މަގާމުތަކަކާ ހަމައަށް އާދެވިއްޖެ ކަމަށާ އެހެންކަމުން ސަރުކާރު ޒިންމާދާރު ކުރުވުން އޮތީ މިހާރު އެމްޑީޕީގެ އަތްމަތީގައި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމްޑީޕީގެ ކާމިޔާބީއަށް އެ ޕާޓީއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ އެކާމިޔާބީގެ ފަހަތުގައި އެމަނިކުފާނުގެ ނަސޭހަތް ގަބޫލުކުރި ދިވެހި ރައްޔިތުންވެސް ހިމެނޭ ކަމަށެވެ.
އެގޮތުން އިންތިހާބުގައި މައިގަނޑު ގޮތެއްގައި ވާދަކުރީ ދެ ޕާޓީ ކަމަށް ވާއިރު ދޫންޏަށް ވޯޓު ދޭން ބޭނުންނުވެ އަދި ވޯޓު ބާތިލުކުރަން ބޭނުން ނޫން ނަމަ ދެން އޮތް ޗޮއިސްއަކީ އެމްޑީޕީއަށް ވޯޓުލުން ކަމަށާ އެހެންކަމުން ދިވެހި ގިނަ ރައްޔިތުން ޕީއެންސީއާ މެދު ހިތްހަމަ ނުޖެހިފައި ތިބެ ވޯޓުލާން ނުކުމެ އެމްޑީޕީއަށް ވޯޓުލުމުން އެ ޕާޓީއަށް ކާމިޔާބުވީ ކަމަށެވެ.
އެ ކާމިޔާބީއާ އެކު މިހާރު އެ މަގާމުތަކަށް ހޮވުނު މީހުން ތިބީ ޒިންމާދާރު ބައެއްގެ ގޮތުގައިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ހަމައެކަނި ސަރުކާރު ހިންގުން އެކަނި ނޫން ކަމަށާ މިހާރު ސަރުކާރުން ހިންގާ ގޯސްތައް ބަލަން ރައްޔިތުން ތިބި ކަމަށެވެ. އެހެންކަމުން އެމްޑީޕީއިން ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީންވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ތަހުގީގީ އެކި މުއައްސަސާތަކަށް ވަދެފައި ހުރި، ތާށިވެފައި ހުރި މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުވާ އެ މައްސަލަަތައް ހައްލުކުރުމުގެ ބާރު މިހާރު ރައްޔިތުން އެމްޑީޕީއަށް ދީފައިވާ ކަމަށާ އެހެންކަމުން އިހުލާސްތެރިކަމާ އެކު އެމްޑީޕީގެ ކިބައިން އެދިވަޑައިގަންނވާފައިވެއެވެ.
ރައީސް ޔާމީން ވިދާޅުވީ މި މައްސަލަަތައް ހައްލުކޮށްގެން ނޫނީ ޝަރުއީ ގޮތުން އެމްޑީޕީއަށް ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ބާރުވެސް ނުލިބޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޕީއެންސިއަށް ވޯޓު ނުދޭން އެދިވަޑައިގެންނެވީ ހެދުނު ގޯސް ރަގަޅުކޮށް ސިޔާސީ ގޮތުން އިތުރަށް އެ މީހުން ބާރުވެރިކުރުވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.










