
ސަރުކާރުގެ ކަންކަން ހައްލުކުރަން ނޫޅޭ ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ރައްޔިތުން ގާތަށް ގޮސްގެން ނުވާނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެޕްރިލު 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގެ ތެރެއިން ކައުންސިލް އިންތިހާބާ އަދި ޑަބްލިއުޑީސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައެވެ.
ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީއަށް 2024ވަނަ އަހަރުގެ އޭޕްރިލް މަހު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ޕީއެންސީއަށް ދިނުމުން ވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ރައްޔިތުންގެ މަސްލަހަތުގައި ކުރި އެއްވެސް ކަމެއް ނެތް ކަމަށެވެ.
އެހެންކަމުން، އިންތިޚާބުގައި ރައްޔިތުން ޕީއެންސީއަށް ކައުންސިލްތަކުގެ އަޣުލަބިއްޔަތު ދީފިނަމަ، ރައްޔިތުން މާ ނިކަމެތިވާނެ ކަމަށް އެމަނިކުފާނަށް ގަބޫލުކުރެވޭތީ ނިމިދިޔަ އިންތިހާބުގައި ޕީއެންސީ ނޫން ގޮތެއް ހޯދަން އެމަނިކުފާނު ގޮވާލެއްވި ކަމަށެވެ. އެމަނިކުފާނުގެ އެ ގޮވާލެއްވުމާ އެކު ރައްޔިތުން ޕީއެންސީއަށް ވޯޓު ނުދޭނަމަ، ދެން އޮތް ގޮތަކީ އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ މެންބަރުން ވާދަކުރި އެމްޑީޕީއަށް ވޯޓުދިނުން ކަމަށް ވުމުން ރައްޔިތުން އެގޮތް އިޚުތިޔާރުކޮށް އެމްޑީޕީއަށް ވޯޓުދިނީ ކަމަށާ އެއާއެކު މިހާރު އެމްޑީޕީއަށް ވަނީ ޒިންމާދާރު މަގާމުތަކަކަށް ގައުމުގައި އާދެވިފައިކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރު ޖެނެރަލުގެ އޮފީހާއި ކޯޓުތަކުގައި ތާށިވެފައި ހުރި ބައިވަރު މައްސަލަތައް ހައްލުކުރުމާއި، މި ސަރުކާރާ ހެދި އަގުޅިޖެހިފައިވާ ތަންތަން ނިއުޅައިލުމުގެ ބާރު ވެސް ރައްޔިތުން ދިނީ އެމްޑީޕީއަށް ކަމަށާ އެހެންކަމުން އެމްޑީޕީއަށް މިއަދު ވަރަށް އިޚުލާސްތެރިކަމާއެކީ، ރައްޔިތުންގެ ފަރާތުން އެމަނިކުފާނު ގޮވާލަނީ އެހެން ހުރި މައްސަލަތައް ހައްލުކޮށް ދިނުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެހެން ހުރި މައްސަލަތައް ހައްލުކޮށްނުދީ ތިބުމަށްފަހު ރިޔާސީ އިންތިހާބުގައި ނުކުމެ ރައްޔިތުން ގާތަށް ދިއުމުގެ ހައްގު އެމްޑީޕިއަށް ގެއްލޭނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ ފުރިހަމަ ޒިންމާ މިހާރު އެމްޑީޕީ ބޮލުގައި އެޅިފައިވާ ކަމަށެވެ.









