
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު އައްޔަން ކުރައްވައިފި އެވެ.
ސީޕީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން ރިޓަޔާ ކުރެއްވުމުންނެވެ.އަހުމަދު މުހައްމަދު ވަނީ 1995 ވަނަ އަހަރުން ފެށިގެން 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ.
އެ ގޮތުން ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަގާމުތައް އަދާކުރެއްވި އެވެ.އަހުމަދު މުހައްމަދު ވަނީ އިންޑިއާގެ ސަރްދާރު ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން އައިޕީއެސް ޕްރޮބޭޝަނަސް ބޭސިކް ޓްރޭނިން ކޯސް ފުރިހަމަ ކުރައްވާފަ އެވެ. އަދި ސީނިއާ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައްވެސް ފުރިހަމަ ކުރައްވާފައިވެ އެވެ.މީގެ އިތުރުން ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ އަދި ބެޗްލާ އޮފް ޝަރީއާ (އޮނާސް) ހާސިލުކުރައްވާފައިވެ އެވެ.




