March 28, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސީޕީ ކަމުގެ މަގާމަށް ފަރުހާދު، ޓޫފޯ އަދި ޝަރީފް ކުރިމަތިލައްވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 26, 2026, 08:57 PM
މާލެ ސިޓީ

ހުސްވެފައިވާ ފުލުހުންގެ މުއައްސަސާގެ އެންމެ އިސްވެރިޔާ ނުވަތަ ކޮމިޝަނާ އޮފް ޕޮލިސް ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވިއިރު، އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

Advertisement

މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ މިހާރު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު (ޓޫފޯ) އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ.

ސީޕީގެ މަގާމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލަން ޖެހުނީ، ފުރަތަމަ ފަހަރު ދިން މުއްދަތު ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވުމުންނެވެ. މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ނަވީން ރިޓަޔާ ކުރެއްވި ސަބަބު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަރުހާދު އާއި ޓޫފޯއާ ގުޅޭގޮތުން ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. ވަކިން ހާއްސަކޮށް، ޓޫފޯގެ މައްޗަށް މީގެ ކުރިން އެކި މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވާކަންވެސް ވަނީ އެނގިފައެވެ.

މި ސަރުކާރު އައިފަހުން މިއީ ސީޕީގެ މަގާމަށް ބޭފުޅަކު އައްޔަނުކުރާ ތިންވަނަ ފަހަރެވެ. މުއިއްޒުގެ ސަރުކާރުގައި އެންމެ ފުރަތަމަ ސީޕީގެ މަގާމުގައި ހުންނެވީ އަލީ ސުޖާއު އެވެ. ނަމަވެސް، ހެންވޭރުގައި ހުންނަ ގެއެއްގެ ބެލަކަނިން ޒުވާން އަންހެން ކުއްޖެއް ވެއްޓުނު ހާދިސާއަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އަމާޒުވި ފާޑުކިޔުންތަކާއެކު އޭނާ ވަނީ މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވާފައެވެ.

ފުލުހުންގެ ގާނޫނު ބުނާގޮތުން ސީޕީގެ މަގާމު ހުސްވެއްޖެނަމަ، ވަގުތީގޮތުން އެ މުއައްސަސާ ހިންގުން ހަވާލުކުރަންޖެހެނީ ޑެޕިއުޓީ ކޮމިޝަނަރަކާއެވެ. އެގޮތުން މިހާރު ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވީ ފަރުހާދު ފިކުރީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved