
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއްގައި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ ކުރީގެ ޕްރޮޑިއުސަރު މޫސަލް މުއީން ފުލުހުން އިއްޔެ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، ރިހިދޯދި، މޫސަލް މުއީން (37އ) އެވެ. އޭނާއަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި "ފޮނިލުނބޯ" ގެ ނަމުގައި އެކައުންޓު ހިންގަމުންދިޔަ މީހާއެވެ. މޫސަލްއަކީ ސޯޝަލް މީޑިއާގައި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރުމުގެ ނަމުގައި، އިސްލާމްދީނާ ޚިލާފު ލާދީނީ ފިކުރުތައް ފެތުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުވެސް ކުރެވިފައިވާ މީހެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މޫސަލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ކުޑަކުދިން ރޭޕްކުރުމުގެ އިތުރުން، ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ގެންގުޅުމާއި، ކުޑަކުދިން 'ގްރޫމް' ކުރަން މަސައްކަތްކުރުން ހިމެނެއެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުން ފެށިގެން ޕީއެސްއެމްގެ އިސް މަގާމެއްގައި ހުރި މޫސަލްއަކީ، ކުޑަކުދިންގެ ގިނަ ޕްރޮގްރާމްތަކެއް ޕްރޮޑިއުސްކޮށްފައިވާ މީހެކެވެ. ނަމަވެސް، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޕީއެސްއެމްގެ ޕްރޮގްރާމަކަށް އައި ކުއްޖަކާ އުމުރާ ނުގުޅޭ ވާހަކަތަކެއް ދެއްކި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.
މި މައްސަލައަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅުންހުރި ސީރިއަސް މައްސަލައަކަށް ވާތީ، ފުލުހުން ދަނީ މިކަން އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. ކުޑަކުދިން އެކްސްޕްލޮއިޓްކޮށް ޖިންސީ ޝިކާރައަކަށް ހެދުމުގެ މިފަދަ ޢަމަލުތަކަކީ ދިވެހި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކާއި އިސްލާމީ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެކެވެ.




