ގިނަ ގިނައިން މީޑިޔާތަކާ ބައްދަލުކޮށް ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެގޮތުން ސެމްބަރު 25، 2023 ގައި ލ. ގަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް، ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަ ނުދެއްވާނެ ކަމަށާ، ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރަން ވެއްޖެނަމަ ގައުމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.
ނަމަވެސް އެމަނިކުފާނުވެސް ވެރިކަމާ ހަވާލުވެވަޑައިގެން ވަނީ ވައުދު ފުއްދެވުމުގައި ފަހަތު ފަޔަށް ބުރަވެވަޑައިގެންފައޭ މިއަދު ދެންނެވުމަކީ ގޯހަކަށް ނުވާނެކަން ޔަގީނެވެ.
ވެރިކަމުގެ ހުވާ ކުރެއްވި ފަހުން ރައީސް މުއިއްޒު އެންމެ ފުރަތަމަ މީޑިއާތަކާ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު، 3، 2023 އެވެ. އެމަނިކުފާނު ތުރުކީ އަދި އެކުވެރި އަރަބި އިމާރާތައް ކުރެއްވި ދަތުރަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ މީޑިއާތަކާ ވާހަކަ ދެއްކެވި އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.
ފެބްރުއަރީ 5، 2024 ގައި ބޭވި ފުރުތަމަ ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރަށް އޭރުވީ 11 ހަފުތާގެ ތެރޭގައި، 5 ފަހަރަށް ނޫސްވެރީންނާ ބައްދަލުކޮށްފި ކަމަށެވެ.
ރައީސް މިފަަދައިން ވިދާުޅުވި ނަމަވެސް، އޭގެ ތެރެއިން ނޫސްވެރިންނަށް މީޑިއާ ބްރީފް ތެރެއިން ސުވާލުކުރަން ފުރުސަތު ދީފައިވަނީ ދެ ފަހަރަކުއެވެ.
ދެން އެމަނިކުފާނު ފާހަގަ އެ ކުރެއްވީ ޖެނުއަރީ 13، ގައި ރައީސް ދެއްވި ޕްރެސް ސްޓޭޓްމަންޓާއި، ޖެނުއަރީ 27، ގައި ޕީއެންސީގެ ޕްރައިމަރީއަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް ދެ މިނެޓެއް ހާއިރު ދެއްކެވި ވާހަކައެވެ. ފަސް ވަނަ ފަހަރަކީ ކޮބައިކަން ސާފެއް ނުވެއެވެ. އެކަން ސާފކުރާނެ ގޮތެއްވެސް ނުވެ ނެތްމެއެވެ.
އެއީ ރައީސް އޮފީހުގެ އިސް ތަރުޖަމާނެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ދުރުކޮށް އޭނާއަށް ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް ބަދަލުކުރި ފަހުން މިއަދަށް 73 ދުވަސް ފުރޭ އިރު ތަރުޖަމާނަކު ނެތުމުންނެވެ. މުހައްމަދު ޝަހީބު ވަކިކުރީ މަގާމަށް އައްޔަންކުރިތާ 18 ދުވަސް ފަހުންނެވެ. ސަރުކާރުން ރަސްމީކޮށް އޭނާ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއްނުވެއެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ހާމަކުރަން ބާއްވަމުން ގެންދެވި ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތައް ވެސް މިހާރު ނުބާއްވައެވެ.