
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ނާޒިމްގެ ދާއިރާގައި ހިމެނޭ ގިނަ ރަށްރަށުން، ސަރުކާރު ހިންގާ ޕީއެންސީއަށް ނޫނެކޭ ބުނެފިކަން ވަގުތީ ނަތިޖާތަކުން ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޕީއެންސީގެ އެންމެ ބާރުގަދަ އެކަކުކަމުގައިވާ ނާޒިމްގެ ދާއިރާގެ ފަސް ރަށުގެ ތެރެއިން ތިން ރަށުގެ މެޖޯރިޓީ ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީއިންނެވެ.
ދާއިރާ ނިސްބަތްވާ ދިއްގަރުގެ ހުރިހާ ގޮނޑިްއެއް އެމްޑީޕީން ނަގާފައިވާއިރު، ދާއިރާގައި ދެން ހިމެނޭ ވޭވަށުންވެސް ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީޕީގެ މަމްދޫހު ވަހީދު ވަނީ ކާމިޔާބުކޮށްފައެވެ. ކައުންސިލް ގޮނޑީގައިވެސް އެމްޑީޕީގެ އަހުޝަން ނައީމް ވަނީ ޕީއެންސީ މައްޗަށް ހަނި ގޮތަކަށް ނަމަވެސް ކުރި ހޯދާފައެވެ. ޕީއެންސީއަށް ވޭވަށުން ލިބުނީ ކައުންސިލްގެ އަންހެން ގޮނޑިއެވެ.
މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީޕީގެ އިބްރާހީމް އަސްލަމް އަލީ ކާމިޔާބުކުރެއްވިއިރު، ކައުންސިލްގެ ގޮނޑި އެމްޑިޕީގެ ހަލީމު އަލީ ވަނީ ކާމިޔާބުކޮށްފައެވެ. ކައުންސިލް އަންހެން ގޮނޑި ޕީއެންސީއަށް ލިބިފައިވެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ ދާއިރާގައި ހިމެނޭ ފަސް ރަށުގެ ތެރެއިން ތިން ރަށެއްގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދުމާއެކު، ސަރުކާރު ހިންގާ ޕާޓީއަށް އެ ދާއިރާގައި އޮތް ތާއީދާމެދު ވަނީ ސުވާލު އުފެދިފައެވެ.










