
ދިވެހި ރައްޔިތުން މިހުދުމުހުތާރު ވެރިކަން ނިންމާނެ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ އިންތިހާބަށް ފަހު ސަރުކާރުން އެކި މަގާމުތަކުން ބޭފުޅުން ވަކިކުރަމުންދާ ދިއުމަށް އިޝާރާތްކުރައްވާ އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ވެރިން މަގާމުތަކުން ވަކި ކުރެއްވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވާ ދައުލަތުގެ 3 ބާރު ޕެރަލައިޒްކޮށް، މިނިވަން މުއައްސަސާތަކަކީ ވާގި ނެތް ބަޔަކަށް ހަދާ، ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ އެދާއިރާއެއްގެ ރައްޔިތުން އިންތިހާބު ކުރެއްވި ރައްޔިތުންގެ ހައްޤުގައި ޤައުމުގެ ހައްޤުގައި ބަސްބުނުމުގެ އިހުތިޔާރެއް ބާރެއް ނެތް މަންމަނު ބައެއްގެ ގޮތުގައި ހެއްދެވުމަށްފަހު އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ނެތި ކޮންމެ ރަށެއްގައި ޑރ. މުއިއްޒު ހެއްދެވި ޕީއެންސީގެ ސްޓެއަރިންގ ކޮމެޓީ ތަކުން ރައްރަށުގެ ކައުންސިލުތަކުގެ މައްޗަށް ބަސްކިޔާ ރައީސް މުއިއްޒު އިސްވެ ހުންނަވާ ދައުލަތުގެ ތިޖޫރީން ބޮޑެތި އަދަދުން ވައްކަންކޮށް، އެއްވެސް އުސޫލެއް، ހަމައެއް، ލަމައެއް ނެތި ހިތުހުރި ބަޔަކަށް ވަޒީފާތައް ބައްސަވާ ރައްޔިތުންނަކީ ގަމާރު އަދި ވަރަށް ނިކަމެތި އަޅުންގެ ގޮތުގައި ދެކިގެން ހުދުމުހުތާރު ވެރިކަމެއް ކުރައްވަމުން ދިޔަދިއުން އެއީ ނުކުރައްވާ ކަމަކަށް ނުވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ހިތުން ދިވެހި ރައްޔިތުންނަކީ ތަންދޮރު ނުދަންނަ މޮޔަ ގަމާރުންތަކެއްކަމަށް ދެކިގެން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުން ފެށިގެން މިއަދާ ހަމައަށް ރައްޔިތުންގެ ކުރިފުޅުމަތީގައި ހުންނަވާ ރެއާ ދުވާލު ހުއްޓާނުލާ ހައްދަވަމުން ދިޔަ ބޮޑެތި ދޮގުތައް ނުހައްދަވާ ކަމަށް ވެސް ނުވާނެ ކަމަށާ ރައީސް މުއިއްޒު ކަހަލަ ދޮގުވެރި، މަކަރުވެރި ހިޔާނާތްތެރި ވެރިއެއްގެ ވެރިކަން ނިމިގެންދާނީ ވަރަށް ހިތިގޮތަކަށް ކަމަށްވެސް އައްބާސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ދައުލަތުގެ އެކި އެކި މުއައްސަސާތަކުގައި ތިއްބަވައިގެން ޤައުމަށް ގައްދާރުވި ކޮންމެ ވެރިއަކާ ޤާނޫނު އަރާ ހަމަކުރާނެކަމުގެ އިންޒާރުދެއްވަމުން އައްބާސް ޕޯސްޓު ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުން މި ހުދުމުހުތާރު ވެރިކަން ނިންމާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.








