
ރައްޔިތުންގެ އިތުބާރު ނެތް ވެރިކަމެއްގައި ދެން ދެމިހުންނެވުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ސަރުކާރު ބޮޑުތަނުން ބަލިވެ ފެންނަ ނުގެންނަ ވޯޓުގައިވެސް ރައްޔިތުން ސަރުކާރުން އެދުނު ގޮތާ މެދު ނޫނެކޭ ބުނެފައިވާ ވުމަށް އިޝާރާތްކުރައްވާ އައްބާސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
އެ ޕޯސްޓުގައި އައްބާސް ވަނީ ރައީސް ޑރ. މުއިއްޒަށް މިވަގުތު އެންމެ ރީތި ގޮތަކީ މަގާމުން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަތުން ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އައްބާސް ވަނީ ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކެއް "ކަސްތޮޅު އަޅުވައި"، ސަރުކާރުގެ ވަސީލަތްތަކާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރި ހުރިހާ މަސައްކަތެއް މިވަނީ ފެނަށް ވެފައި ކަމަށް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، އިންތިޚާބާ ދިމާކޮށް ސަރުކާރުން އެތައް ހާސް ވަޒީފާއެއް ބަހާލައި، ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އިސްރާފު ކުރި ނަމަވެސް، ދިވެހި ރައްޔިތުން މިއަދު އެވަނީ ސަރުކާރަށް ނޫނެކޭ ބުނެފައި ކަމަށް އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބާރުގެ ބޭނުންކޮށްގެންނާއި ފައިސާ އުކައިގެން ރައްޔިތުންގެ ލޯތްބާއި ތާއީދު ނުލިބޭނެކަން މިއަދުގެ ނަތީޖާއިން ވަރަށް ސާފުކޮށް ހާމަވެގެން ގޮސްފިއެވެ.
އައްބާސްގެ ޕޯސްޓު ނިންމާލައްވާފައިވަނީ، ރައްޔިތުންގެ އިތުބާރު ނެތް ވެރިކަމެއްގައި ދެން ރައީސް މުއިއްޒު ދެމިހުންނެވުމުގެ އެއްވެސް މާނައެއް ނެތް ކަމަށާ ރީތި ގޮތުގައި ރައީސް ޑރ. މުއިއްޒު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވަން ގޮވާލައްވަމުންނެވެ.









