ރައީސް އޮފީހުގެ ތަރުޖަމާނެއް ނެތި އެތައްދުވަސް ވެއްޖެއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމުގައި ކުރީގައި ހުންނެވީ ކުރީގެ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބެވެ. ޝަހީބް އެ މަގާމަށް އައްޔަން ކޮށްފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށްފަހު އެ މަގާމްގައި މީހަކު ނެތިގެން ނޫސްވެރިންގެ ޝަކުވާތަކާއި ކުރިމަތިލާން ޖެހުމުންނެވެ.
ޝަހީބް އެ މަގާމަށް އައްޔަން ކުރުމަށް ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުންތަކުން ނޫސްވެރިންނަށް އެއްވެސް އެދެވޭ ޖަވާބެއް ޝަހީބް ދެއްވާފައިނުވެއެވެ. ސަރުކާރުގެ ކަންކަމާ ބެހޭގޮތުން ނޫސްވެރިން އުފައްދާ ސުވާލުތަކަށް ޝަހީބު ދެއްވާފައިވާ ޖަވާބަކީ "ނޭނގެ" އެވެ.
އައު އަހަރު ފެށުނު ދުވަހު އެ މަގާމުން ޝަހީބް ވަނީ ވަކިކޮށްފައެވެ. ރަސްމީގޮތެއްގައި ރައީސް އޮފީހުން ހާމަ ނުކުރި ނަމަވެސް އެ އޮފީހުގެ ވެެބްސައިޓުން ފެނިގެންދިޔައީ ޝަހީބް ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވާ މަންޒަރެވެ.
ކޮންމެ ހަފްތާއެއްގައި ވެސް ސަރުކާރުގެ ކަންކަން ނޫސްވެރިން އަދި ރައްޔިތުންނާ ހަމަޔަށް ހާމަކޮށްދެއްވާނެކަމަށް ސަރުކާރުން ބުނެފައިވީނަމަވެސް ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިނުވާތާ މިހާރު ވަނީ އެތައް ދުވަހެއް ވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުންތައް މިފަހުން އެ އޮފީހުގައި ބާއްވަނީ ޕްރިންސިޕަލް ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމެވެ. ނާޒިމް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާފައި ހާމަކުރަނީ ކެބިނެޓް ބައްދަލުވުންތަކުގައި ނިންމާފައިވާ ކަންކަމެވެ. އެހެންކަމުން އެކަމާ ނުގުޅޭ ސުވާލު ކުރުމުން ޖަވާބު ނޫސްވެރިންނަށް ނުލިބެއެވެ.
ތަރުޖަމާނުގެ މަގާމް ހުސްވެފައިވާތާ އެތައް ދުވަސްތަކެއް ވަނީ ވެފައެވެ. މި މަގާމަށް ފަރާތެއް އައްޔަންކުރައްވާނެ ދުވަހަކާ މެދު ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންނާ ސުވާލުކުރުމުން ޖަވާބުގައި ދަންނަވަނީ ރައީސް މުއިއްޒު ވީއެންމެ އަވަހަކަށް އެކަން ކުރައްވާނެކަމަށެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ހާމަކަން ބޮޑު ސަރުކާރެއްގެ ގޮތުގައި ދައުވާ ކުރަމުންނެވެ. ނަމަވެސް ސަރުކާރުގެ ގިނަ ކަންކަން ނޫސްވެރިންނާ ހަމަޔަށް ހާމަކޮށްދެއްވަން ހުންނަވާ ފަރާތް ނެތުމުން ގިނަ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.