February 23, 2026
Advertisement
ބަތީލް ކަދުރު
ބަތީލް ކަދުރު / ސޯޝަލް މީޑިއާ

ރައީސް އޮފީހުން އަގުބޮޑު "ބަތީލް" ކަދުރު ބަހާ ކަމަށް ބުނާ އަޑުތަކެއް

Yana Shareef
ޔާނާ ޝަރީފް
Feb 22, 2026, 09:01 PM

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި، ރައީސް އޮފީހުން އިސްވެ އޮވެ ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުންނާއި، ހޮވާލެވޭ ބައެއް އާއިލާތަކުގެ އިތުރުން ވިޔަފާވެރިންނަށް ވަރަށް އަގުބޮޑު ކަދުރު ހަދިޔާ ކުރަމުންދާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ގަދަވެއްޖެއެވެ.

Advertisement

މިކަމާ ގުޅޭގޮތުން ދައުރުވަމުންދާ މަޢުލޫމާތުތަކަށް ބަލާއިރު، ހަދިޔާ ކުރަމުންދަނީ ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "ބަތީލް" ގެ "ޒަރީން" ކަލެކްޝަންގެ ކަދުރު ފޮށިތަކެކެވެ. މިއީ އެކި ބާވަތްތަކުގެ ފިލިންގްސް އަޅާފައިވާ ޕްރީމިއަމް ކަދުރު ހިމެނޭ ބޮޑު ފޮށިތަކެއް ކަމަށާއި، މީގެ އެއް ފޮށީގެ އަގު ގާތްގަނޑަކަށް 873 އެމެރިކާ ޑޮލަރަށް (13,400 އަށްވުރެ ގިނަ ރުފިޔާ) އަރާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހަރަކާތަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 290,000 ޑޮލަރު (4.4 މިލިއަން ރުފިޔާ) ކަނޑައަޅާފައިވާ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް، މިހާތަނަށް މިކަމަށް ޚަރަދުވި ސީދާ އަދަދު ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މި ކަދުރު ހަދިޔާކުރާ 250 ފަރާތެއްގެ ލިސްޓު ތައްޔާރުކޮށްފައިވަނީ ރައީސް މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިސްވެ ތިއްބަވައިގެން ކަމަށްވެސް ސޯޝަލް މީޑިއާގެ ގިނ ަ ބަޔަކު ބުނެފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ދަނޑިވަޅަކަށް ވުމާއެކު، ސިޔާސީ ބޭފުޅުންނަށް މިފަދަ އަގުބޮޑު ހަދިޔާ ބެހުމަކީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަމަވެސް، ރައީސް އޮފީހުން މި ތުހުމަތުތަކާ ގުޅޭގޮތުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved