ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެއީ ކޮން ކައުންސިލްތަކެއްތޯ އޮޅުން ފިލުވުމަށް ހުށަހެޅި އާރުޓީއައި ޖަވާބުދޭން ރައީސް އޮފީހުން ދެކޮޅު ހަދައިފިކަމަށް ރިޕޯޓުކޮށްފިއެވެ.
"އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާ ގޮތުގައި ޖެނުއަރީ 8، 2026 ގައި މަރާމާތުތަކަށް ފަހު ޕީއެންއެސީގެ އޮފީހާ މައި ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރާ އިދިކީލަ އަދި ސިޔާސީ ބޭނުމެއްގައި ބައެއް ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ، ރައީސް އިޝާރާތް ކުރެއްވީ ކޮން ރަށަކަށްތޯ، އަދި ކޮން ޕްރޮޖެކްޓަކަށްތޯ އޮޅުން ފިލުވުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ނޫހުން ހުށަހެޅި ކަމަށެވެ.
އެ އާރުޓީއައި ނަމަވެސް ރައީސް އޮފީހުން ޖަވާބު ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށާ އެ އޮފީހުން ބުނެފައިވަނީ އެދިފައިވާ މައުލޫމާތު އެ އޮފީހުން ދެވެން ނެތް ކަމަށާއި، އެ އާރުޓީއައި ފޯމު މިހާރު ފިނޭންސް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
ރައީސްގެ ދެއްކެވި ވާހަކައިގައި މަޝްރޫއުގެ ތަފްސީލު ލިސްޓެއް އެ މަނިކުފާނު ބެއްލެވި ވާހަކަ ވިދާޅުވި ނަމަވެސް އެ ލިސްޓުގައިވާ މައުލޫމާތުވެސް ދީފައި ނުވާކަމަށް "އަދަދު" ނޫހުގައި ވަނީ ހާމަކޮށްފައެވެ.
އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ކައުންސިލްތައް ބަދުނާމުކޮށް ރައީސް މުއިއްޒު ވަނީ ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓުދިގެން ނޫނީ ރަށްރަށަށް ތަރައްގީ ނުގެެވޭނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.