
ދުނިޔޭގެ އިގްތިސާދީ އަދި ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ދެ ގައުމު ކަމަށްވާ ޗައިނާއާއި އެމެރިކާގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި ޗައިނާއިން އެމެރިކާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.
ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ހޮރްމުޒް ކަނޑުއޮޅީގައި ބިރުވެރިކަން އުފެދެން މެދުވެރިވީ އެމެރިކާގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. މިގޮތުން ހަނގުރާމަ ފެށީވެސް އެމެރިކާއިން ކަމަށާއި އޭގެ ކުރިން ކަނޑުއޮޅީ އޮތީ ހުޅުވިފައި ކަމަށާއި ހުރިހާ ހަމަނުޖެހުމެއް ހިނގަނީ އެމެރިކާގެ ސަބަބުން ކަމަށް ޗައިނާ އިން ބުނެފައިވެއެވެ.
ޗައިނާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި ބޭރުގެ ބާރުތަކުން، ޚާއްޞަކޮށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ވިޔަފާރިއަށް އޮތް ބޮޑު ނުރައްކަލެކެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ފަދަ އިގްތިސާދީ ގޮތުން މުހިންމު ސަރަހައްދުތަކުގައި ނުތަނަވަސްކަން އުފައްދައިގެން ސިޔާސީ މަންފާ ހޯދުމަށް އެމެރިކާއިން ކުރާ މަސައްކަތްތައް ޗައިނާއިން ވަނީ ކުށްވެރިކޮށްފައެވެ.
މި މައްސަލާގައި ޗައިނާއިން އިތުރަށް ބުނެފައިވަނީ، ދުނިޔޭގެ ހަކަތައިގެ ސަލާމަތަށްޓަކައި ހޮރްމުޒް ކަނޑުއޮޅި އަމާންކަންމަތީ ބޭއްވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، އެމެރިކާއިން ހިންގާ "އިސްތިއުމާރީ" ސިޔާސަތުތަކުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.



