
ޗައިނާގެ ދިފާއީ ވަޒީރު އެޑްމިރަލް ޑޮންގް ޖޫން، އެމެރިކާއާއި ހުޅަނގުގެ ބާރުތަކަށް އަމާޒުކުރައްވައި ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ޗައިނާއިން ބާރުގަދަކުރަމުންދާ މި ދަނޑިވަޅުގައި، ޗައިނާގެ ދިފާއީ ވަޒީރު ވަނީ އީރާނާއެކު އޮތް އިގްތިސާދީ އަދި އަސްކަރީ ގުޅުންތަކަށް ބޭރުގެ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައި ހުރަސްނޭޅުމަށް އަންގަވާފައެވެ.
އެޑްމިރަލް ޑޮންގް ޖޫން ވިދާޅުވި ގޮތުގައި، ޗައިނާއާއި އީރާނާ ދެމެދު ވިޔަފާރިއާއި ހަކަތައިގެ ދާއިރާއިން މުހިންމު އެއްބަސްވުންތަކެއް އެބަހުއްޓެވެ. އަދި މި ގުޅުމަކީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ، ބަދަހި ގުޅުމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ޗައިނާގެ ދާޚިލީ އަދި ޚާރިޖީ މިފަދަ ކަންކަމުގެ ތެރެއަށް އެހެން ބަޔަކު ނުވަންނާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިއީ ސީދާ އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ނުފޫޒަށް ގޮންޖައްސަވައި ދެއްވި ބަޔާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޚާއްސަގޮތެއްގައި ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ހަބެއް ކަމުގައިވާ ހޮރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޑިފެންސް މިނިސްޓަރު ވިދާޅުވީ ހޮރްމުޒް ކަނޑުއޮޅި ޗައިނާއަށް އޮތީ ހުޅުވާލެވިފައި ކަމަށެވެ. މިއީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން ކުޑަކޮށް، ޗައިނާގެ އިގްތިސާދީ ރޫޓުތައް ރައްކާތެރިކުރުމަށް ދިން ވަރުގަދަ މެސެޖެކެވެ.
މި ބަޔާނާއެކު، ޗައިނާއިން ދުނިޔެއަށް ސާފުކޮށްދީފައިވަނީ އެގައުމުގެ މިނިވަން ޚާރިޖީ ސިޔާސަތަށް ބޭރުގެ އެއްވެސް ބާރަކުން ބަސްބުނުމުގެ ފުރުސަތު ނޯންނާނެ ކަމެވެ. އަދި އީރާނާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، މެދުއިރުމަތީގައި ޗައިނާގެ ދައުރު ފުޅާކުރުމަށް އެގައުމުން ފަސްނުޖެހޭނެކަން މިވަނީ ހާމަވެފައެވެ.
އެމެރިކާއިން ތަކުރާރުކޮށް އީރާނަށް ފިއްތުންތައް ކުރިމަތިކުރަމުންދާއިރު، ޗައިނާ ފަދަ ދުނިޔޭގެ ބޮޑު ބާރަކުން އީރާނުގެ ދިފާއުގައި ތެދުވުމަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.



