
މި އަހަރަށް ފާސްކުރި ބަޖެޓާ ހިލާފަށް، އެ މަޖިލީހުގެ ރުހުމެއް ހޯދުމަކާ ނުލައި ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭ މައްސަލައާ ދެކޮޅަށް ގަރާރެއް ހުށަހަޅައިފިއެވެ.
ގަރާރު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިން (ކުޑޫ)އެވެ. ކުޑު ހުށަހެޅި މައްސަލައިގައި ވަނީ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައި ވަނީ ސަރީހަކޮށް ބަޔާންކޮށްފައިވާކަން ފާހަަގަކުރައްވާފައެވެ.
ހަމައެހެންމެ ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ނުވަތަ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ހަރަދުކުރުމާއި ދައުލަތުގެ މުދަލެއް ވިއްކާލުން ނުވަތަ ނައްތާލުން، ދޫކޮށްލުން އެއީ ހުއްދަނޫން ކަމެއް ކަންވެސް ކުޑޫގެ ގަރާރަުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް، ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް އެޑްވާންސެއްގެ ގޮތުގައި ކަމަށް ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ. ގޮތަށް ނަގާ ފައިސާވެސް، ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ 2.5 އިންސައްތައަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކުރެ އެވެ.
މީގެ އިތުރުން ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި ގާނޫނީ ހަމަތަކަށް ރިއާޔަތް ކުރުމެއް ނެތި ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރުމަށް ކަމަށް ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ. މި މުއާމަލާތާ ދެކޮޅު ހެދުމުގެ ގޮތުން ޕެންޝަން ބޯޑުގެ ޗެއާމަން، ޗީފް އެގްޒެކެޓިވް އޮފިސަރު، ޗީފް އޮޕަރޭޓިން އޮފިސަރު އަދި ޗީފް ފައިނޭންސް އޮފިސަރުގެ އިތުރުން ބޯޑު މެންބަރުންތަކެއް އިސްތިއުފާ ދީފައިވާކަންވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ގަރާރުގައި އިތުރަށް ބުނެފައިވަނީ، ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ މި އަހަރުގެ ބަޖެޓު ހުށަހެޅިއިރު ފިނޭންސް މިނިސްޓަރު ބަޔާންކޮށްފައިވާ ކަންކަމުގެ ބޭރުން، މަޖިލީހުގެ އެއްވެސް ހުއްދައެއް ނެތި ކުރިއަށްގެންދާ ނުރައްކާތެރި އަމަލެއް ކަމަށެވެ.
އެހެންކަމުން ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރަން ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވަނީ ގޮވާލާފައެވެ.










