
މާލެ ސިޓީ ކައުންސިލް އޮޑިޓު ނުކުރާތާ 10 އަހަރު ވެފައިވާތީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.
ފާއިތުވި 10 އަހަރު މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާ ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައިވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައެއްގައެވެ.
އެ ސިޓީގައި ކުޑޫ ވަނީ، ރާއްޖޭގެ ވެރި ރަށް މާލޭގެ ތަންތަނާއި، ބިންތަކާއި އަދި އާއްމު ވަސީލަތްތަކުގެ މާލީ ނަފާ ލިބެމުންދާ އިދާރާ ކަމުގައިވާ މާލެ ސިޓީ ކައުންސިލް ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ވެސް އޮޑިޓްކޮށްފައި ނެތްކަން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެހާ އިދާރާތައް އޮޑިޓްކުރުމަށް އޮޑިޓާ ޖެނެރަލް ވެސް މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.
އެކަންކަން އެހެން ހުރުމުން މާލެ ސިޓީ ކައުންސިލް މިހާތަނަށް އޮޑިޓްކޮށްފައި ނުވަނީ ކީއްވެކަން ސާފުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމުގައި އެ ސިޓީގައި ބުނެފައިވެއެވެ.
މީގެ އިތުރުން މާލެ ސިޓީ ކައުންސިލް އޮޑިޓްކޮށްފައި ނުވަނީ ކީއްވެކަން ސާފުކުރުމަށާއި އެކަން ނުކޮށް މިހާ ގިނަ ދުވަސްވެގެން ދިޔަ ސަބަބު ރައްޔިތުންގެ މަޖިލީހުން އިތުރަށް ދެނެގަތުމާއެކު އަވަހަށް އޮޑިޓްކުރުމަށްފަހު، ރިޕޯޓުތައް އާއްމުކުރުމަށް ބާރުއެޅުމުގެ ގޮތުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމުކޮށްދިނުމަށް ވެސް ކުޑޫ ވަނީ ސިޓީގައި އެދިފައެވެ. ހަމައެހެންމެ މި މައްސަލަ ކުރިއަށް ދާއިރު ގާނޫނުއަސާސީގެ 99 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން މާލެ ސިޓީ ކައުންސިލް އަދި އޮޑިޓާ ޖެނެރަލް އެ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް ވެސް ކުޑޫ އެދިވަޑައިގެންފައިވެއެވެ.
މިފަދަ މައްސަލައެއް މަޖިލީހަށް ހުށަހެލިގެން ގޮސްފައިވައިރު، މާލެ ސިޓި ކައުންސިލް އޮޑިޓުކޮށް ނިންމާފައިވާ ކަމަށް މިހާރުގެ މޭޔަރު އަދި ކުރިއަށް 5 އަހަރަށް އިތުރު ދައުރަކަށް މިހާރު ހޮވިވަޑައިގެން ވެސް ހުންނެވި އާދަމް އާޒިމް ވިދާޅުވެފައިވެއެވެ.










