April 29, 2026
Advertisement
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަނުމުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަނުމުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި / ރައްޔިތުންގެ މަޖިލިސް

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަނުމުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

Apr 28, 2026, 02:51 PM
މާލެ ސިޓީ

"އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީހަށް ވަތް މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ތުހުމަތުތަކެއް އަމާޒުކުރެވިގެން ދިޔަ "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަނި ރެއިޑު ޖަހާފައެވެ. 

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، ނޫހަކުން އާންމުކުރާ ކޮންޓެންޓަކާ ގުޅިގެން އުފެދޭ ހިޔާލުތަފާތުވުންތައް ބެލުމަށް ގާނޫނީ ހާއްސަ މެކޭނިޒަމެއް އޮންނަ އިރު، އެ އިޖުރާއަތުން ބޭރުވެ ފުލުހުން ގަދަބާރުން ނޫހެއްގެ އޮފީހަށް ވަދެ މުދާ ހިފެހެއްޓުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ. އަދި މިއީ އެ ނޫސް ހުއްޓުވުމުގެ ބޭނުމުގައި ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އެބައޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވީ މި މައްސަލައަކީ މަޖިލީހުގެ ގަވައިދަށް ފެތޭ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން، ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށް ގަވައިދު ބުނާކަން ރައީސް ފާހަގަކުރެއްވިއެވެ.

 މަޖިލީހުގެ ރައީސް ވިދާޅުވީ، ފުލުހުން "އަދަދު" ނޫހުގެ އޮފީހަށް ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަން ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ކުއްލި މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތަށް ސީދާ ގޮތުން އަސަރުކުރާ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން ހުށަހަޅާ އެއްޗަކަށް ވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މައްސަލަ ބަލައިނުގަތުމަށް ނިންމެވީ މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގެ (ށ)، (ކ) އަދި (ދ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާތީ ކަމަށް ރިޔާސަތުން ވަނީ ކަނޑައަޅުއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved