
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޣިރް ޣާލިބާފް، ޕާކިސްތާނުގެ ސިިޕާސާލާރު ފީލްޑް މާޝަލް އާސިމް މުނީރާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އީރާނުގެ ޕާލަމެންޓްގެ ރައީސް ވަނީ ޕާކިސްތާނުގެ އަސްކަރީ ގާބިލުކަމަށާއި އެ ގައުމުގެ ސަފީރުންނާއި ވެރިންގެ ހިކުމަތްތެރިކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ޣާލިބާފް ވިދާޅުވި ގޮތުގައި، ސަރަހައްދީ ރައްކާތެރިކަމާއި އިސްލާމީ އުންމަތުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ޕާކިސްތާނަކީ އީރާނުން އެންމެ ބޮޑަށް ބަރޯސާވާ އަދި އެންމެ އިތުބާރުކުރާ ބައިވެރިޔާއެވެ.
އީރާނުގެ ރަސްމީ އިދާރާތަކުން މި ބައްދަލުވުމާ ގުޅޭގޮތުން ބުނެފައިވަނީ، ޕާކިސްތާނަކީ އެ ގައުމުގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. މިކަން ހާމަކުރައްވަމުން ޣާލިބާފް ވިދާޅުވީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑަށް އީރާނުން ޕާކިސްތާނަށް އިތުބާރު ކުރާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމަކީ އިސްލާމީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ސަރަހައްދީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ޕާކިސްތާނުގެ މުހިންމު ދައުރު ބަލައިގަތުމުގެ ރަމްޒެކެވެ. ޕާކިސްތާނުގެ އަސްކަރީ ތަރުތީބާއި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، މިއަދު އީރާނުން ދެކެނީ ޕާކިސްތާނަކީ އެ ގައުމުގެ ދިފާއީ އަދި ސިޔާސީ މަސްލަހަތުތައް ހިމާޔަތްކޮށްދޭނެ އެންމެ ވަރުގަދަ ތަނބު ކަމުގައެވެ.










