
މެދުއިރުމަތީގައި ހިނގަމުންދާ ހަމަލާބަދަލުކުރުންތައް ހުއްޓާލުމަށް އެއްބަސްވެފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހޮރްމުޒް ކަނޑުއޮޅި އަލުން އެއްކޮށް ހުޅުވާލާފައިވާ ކަމަށް އީރާނުން ބުނެފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލުބުނާނުގައި ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ މުއްދަތުގެ ބާކީ ބައިގައި ހޮރްމުޒް ކަނޑުއޮޅި އޮންނާނީ ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް ހުޅުވާލެވިފައި ކަމަށެވެ.
"ލުބުނާނުގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، އެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތުގައި ހޮރްމުޒް ކަނޑުއޮޅިން ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް ދަތުރުކުރެވޭ ގޮތަށް އެއްކޮށް ހުޅުވާލެވިފައި ވާނީ،" އަރަގްޗީ ވިދާޅުވިއެވެ.
ކަނޑުއޮޅި ހުޅުވާލި ނަމަވެސް، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ދަތުރުކުރަން ޖެހޭނީ އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަނުން ކުރިން ކަނޑައަޅާފައިވާ ވަކި ހާއްސަ މަގުތަކަކުން ކަމަށްވެސް ފޮރިން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ނިންމުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ ހޮރްމުޒް ކަނޑުއޮޅި މިހާރު އޮތީ "ފުރިހަމައަށް ހުޅުވާލެވިފައި" ކަމަށާއި، އެކަމަށްޓަކައި އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް ނުހަނު މުހިންމު ސަރަހައްދަކަށް ވާއިރު، މި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.










