
އެޕްރިލް 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާ އ.ތ.ކ ގެ އިންތިހާބުގައި ކާމިޔާބު ލިބުނީ ޕީއެންސީއަށް ކަމަށް ބުނެ ސަރުކާރުން ގަނެފައިވާ މީޑީޔާތަކުން ދޮގު ހަބަރު ފަތުރަމުންދާ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބީ ލިބުނީ ޕީއެންސީއަށް ކަމަށްބުނެ އެ ޕާޓީއިން ހަގީގަތް އޮޅުވާލަމުންދާ ދިއުމަށް އިޝާރާތްކުރައްވާ އައްބާސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ޕޯސްޓުގައި އައްބާސް ވަނީ ކައުންސިލް އަދި އ.ތ.ކ ގެ އިންތިހާބުގެ ހިސާބުތަކަށް ނަޒަރު ހިންގަވާލައްވާފައެވެ. އެގޮތުން އައްބާސް ވިދާޅުވެފައިވަނީ، އިންތިހާބުގައި އެމްޑީޕީން ވާދަކުރީ 1356 ގޮޑީގެ ތެރެއިން 912 ގޮޑިއަށް ކަމަށާ އޭގެތެރެއިން އެމްޑީޕީއަށް ގެއްލުނީ 350 ގޮޑި ކަމަށެވެ. ނަމަވެސް އެމްޑީޕީއިން ވަނީ ވާދަކުރި ގޮޑިތަކުގެ ޖުމްލަ އަދަދުގެ %50 ކަމުގައިވާ 562 ގޮޑި ކާމިޔާބުކޮށްފައިވާކަން އައްބާސް ފާހަގަކުރައްވާފައިވެއެވެ.
އެއާ ޚިލާފަށް އިންތިހާބުގައި 1356 ގޮޑީގެ ތެރެއިން ޕީއެންސީން 1323 ގޮޑިއަށް ވާދަކުރި ކަމަށާ އޭގެތެރެއިން 581 ގޮނޑި ކާމިޔާބުކުރިއިރު ޕީއެންސީއަށް 742 ގޮޑި ގެއްލުނުކަން އައްބާސް ވަނީ ސަމާލު ކަމަށް ގެނެސްދެއްވާފައެވެ. އޭގެ މާނައަކީ ޕީއެންސީން ވާދަ ކުރި ގޮޑިތަކުގެ ޖުމްލަ އަދަދުގެ %50 ގޮޑި ކަމުގައިވާ 662 ގޮޑި އިންތިހާބުހައި ޕީއެންސީއަށް ނުހޯދުނުކަން އައްބާސް ވަނީ ހިސާބުތަކުން ސާފުކޮށްދެއްވާފައެވެ.
އެހެންކަމުން އަސްލު މަންޒަރު ގެއްލޭގޮތަށް ހަބަރު ފެތުރުމަކީ އޭގެ ސަބަބުން މަގުއޮޅޭ ކަމެއް ކަމަށާ ހެޔޮއެދިގެންވިޔަސް ނޫސްވެރިން އެކަން އެގޮތަށް ނުކުރެއްވުމަށް އައްބާސް އިލްތިމާސްކުރައްވާފައިވެއެވެ.
ރައްޔިތުންގެ ސާފު ނިންމެވުން ރައީސް ޑރ.މުހައްމަދު މުއިއްޒަށާ ސަރުކާރަށް އޮޅުވާލަން ބަޔަކު މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާ އައްބާސް ވަނީ އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ޕީއެންސީގެ ޕީޖީ ޓީމަށް އަދި މީޑިޔާތަކަށް އައްބާސް ވަނީ ގޮވާލައްވާފައެވެ.










