
އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިއްޖެ ކަމަށް މައުލުމާތު ލިބިއްޖެއެވެ.
ރާއްޖެއިން އެދިފައިވަނީ އޮކްޓޯބަރު 2024 ގައި ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ކަމަށް ރިޕޯޓުކޮށްފައިވަނީ، އިންޑިއާގެ މަޝްހޫރު ނޫސްތަކެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އާއި "އިކޮނޮމިކް ޓައިމްސް" އިންނެވެ.
ހާތަނަށް ދެ ފަހަރެއްގެ މަތިން އިންޑިއާއިން ވަނީ މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފައިވާކަމަށް ރިޕޯޓުކޮށް އެ ނޫސްތަކުގައި ވަނީ، މިދިޔަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު މުއްދަތު ހަމަވި 50 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ފްރީ ދެ ޓްރެޝަރީ ބިލެއްގެ މުއްދަތު ވެސް އިންޑިއާއިން ވަނީ އިތުރު އެއް އަހަރަށް ފަސްކޮށްދީފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައެވެ.
އިންޑިއާގެ އޮފިޝަލުން މި ފިޔަވަޅުތައް ސިފަކުރަނީ ގާތް އަވައްޓެރި ގައުމަކަށް ދިން "ޚާއްސަ އެހީއެއް"ގެ ގޮތުގައި ނަމަވެސް މި ފެސިލިޓީގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ރާއްޖެއިން އެދިފައިވާކަމަށާއި، މިހާރު އެ ކަމުގައި ގާނޫނީ އަދި އިދާރީ ގޮންޖެހުންތަކެއް ހުރިކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާ ސަރުކާރުން މިހާރު ދަނީ ރާއްޖޭގެ އެދުމާ މެދު ވިސްނައި، ގަވާއިދުތަކުގެ ތެރެއިން ކުރެވެން ހުރި ކަންކަން ދިރާސާކުރަމުން ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މަސްދަރުތަކުން ހާމަކުރާ ގޮތުގައި، ސޫލުތަކުގެ ދަށުން، އެއް ފަހަރު ފައިސާ ނެގުމަށްފަހު އަނެއް ފަހަރު ފައިސާ ނެގުމާ ދެމެދު އޮންނަންޖެހޭ "ކޫލިން އޮފް" މުއްދަތާއި، ގިނަވެގެން މުއްދަތު އިތުރުކުރެވޭނެ އަދަދާ ބެހޭ ގަވާއިދުތައް ހުރި ގޮތުން، ރާއްޖޭގެ މި އެދުމަށް މިވަގުތު އަމަލީ ސިފައެއް ގެނައުން "އިންތިހާއަށް އުނދަގޫ" ކަމެކެވެ.
އިންޑިއާއަށް ދައްކަން ހުރި ލޯނު ދެއްކުން ފަސްކޮށްދިނުމަށް ރާއްޖެއިން އެދިފައިޥާއިރު، ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް، ބައިސާ ކެނޑުމުގެ ގޮތުން ގައިނެތް ފެންވަރުގައި ދިވެހި ސަރުކާރުން ވަނީ ރިޒާވުގައި ހުރި ޑޮލަރާއި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް)ގައި ހުރި ފައިސާއިން 525 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ޚަލާސްކޮށްފައި ކަމަށްވެއެވެ،










