
ދުނިޔޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ސްޓްރެއިޓް އޮފް ހޮރްމޫޒްގައި އީރާނުން ވަރުގަދަ ސްޓްރެޓެޖިކް ކުރިއެރުންތަކެއް ހޯދައި، އެމެރިކާއާއި ހުޅަނގުގެ ބާރުތަކާ ދެކޮޅަށް އެ ގައުމުގެ ނުފޫޒު ގަދަކޮށްފިއެވެ. ތެލުގެ ވިޔަފާރީގެ މުހިންމު މި މަގު އީރާނުން ބޭނުންކުރަމުންދަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ބޭނުންކުރާ ވަރުގަދަ ހަތިޔާރެއްގެ ގޮތުގައެވެ.
މި މައްސަލަ ހޫނުވެގެން ދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާގެ އަތްދަށުގައި އޮތް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދެއްކެވުމާ ގުޅިގެންނެވެ. ނަމަވެސް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވަނީ، ވަކި ޝަރުތުތަކެއްގެ ދަށުން ވިޔަފާރި އުޅަނދުތަކަށް އެ މަގު ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ އީރާނަށްކަން ހާމަކުރައްވައި، ސަރަހައްދީ ބާރުވެރިކަން ދައްކާލާފައެވެ.
މި ހާދިސާތަކުގެ ތެރެއިން ޓްރަމްޕް ވަނީ ނޭޓޯގެ ގައުމުތަކުން އެމެރިކާއަށް ފުރިހަމައަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވެ، އެ ގައުމުތަކަށް އެމެރިކާގެ އެހީތެރިކަން ދެން ނުލިބޭނެ ފަދަ މޭރުމަކުން ވާހަކަދައްކާފައެވެ. ޓްރަމްޕްގެ މި ވާހަކަފުޅުތަކުން ހުޅަނގުގެ އިއްތިހާދުގެ ތެރޭގައި އޮތް ބައިބައިވުން ފާޅުވެގެން ދިޔައިރު، އީރާނުން ވަނީ މި ފުރުސަތުގެ ބޭނުން ހިފައި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގާބިލްކަން އަމަލުން ސާބިތުކޮށްދީފައެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ބްލޮކޭޑެއް ދަމަހައްޓާނެ ކަމަށް ބުނުމާ ގުޅިގެން، އީރާނުން ވަނީ ވަގުތުން ރައްދު ދީ އަލުން ކަނޑުއޮޅި ބަންދުކޮށްފައެވެ. މިއީ އަމިއްލަ ސިޔާދަތު ދިފާއުކުރުމަށާއި، ބޭރުގެ ނުފޫޒުތަކަށް ބޯނުލަނބާނެކަން އެމެރިކާއަށް އަންގައިދިނުމަށް އީރާނުން އެޅި ވަރުގަދަ ފިޔަވަޅެކެވެ. ދެވަނަ ފަހަރަށް މި ކަނޑުއޮޅި ބަންދުކުރުމަށްފަހު އިރާނުން ވަނީ އިންޑިއާގެ ދެ ޓޭންކަރަކަށް ފުރަތަމަ ފަހަރަށް ހަމަލާދީފައެވެ.
ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އީރާނުން ގެންގުޅޭ ސްޓްރެޓެޖީއަކީ ވަރަށް ބޮޑަށް ބަލައިގެން ރޭވިފައިވާ ކަންކަމެވެ. "ފައިދާހުރި ވަގުތުތަކުގައި ކަނޑުއޮޅި ހުޅުވާލުމާއި، ބޭނުންވާ ހާލަތްތަކުގައި ބަންދުކުރުމަކީ އީރާނުގެ އަތުގައި އޮތް އެންމެ ވަރުގަދަ ލީވަރޭޖް" ކަމަށް ތަހުލީލުވެރިން ބުނެއެވެ.
މި ހާދިސާތަކުން ސާބިތުވެގެން ދިޔައީ، ދުނިޔޭގެ ހަކަތައިގެ ބާޒާރާއި ބައިނަލްއަގްވާމީ ވިޔަފާރީގެ މައި މަގުތަކުގެ ކޮންޓްރޯލް އޮތީ އީރާނުގެ އަތްމަތީގައި ކަމެވެ. އަދި އެމެރިކާގެ ފިއްތުންތަކަށް ބެލުމެއްނެތި، އަމިއްލަ ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އީރާނުން ފަސްނުޖެހޭނެކަން މިވަނީ މުޅި ދުނިޔެއަށް ސާފުކޮށްދީފައެވެ.










