
ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާ ގުޅޭ އުސޫލުތައް ބަލަހައްޓާ ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް އިސްތިއުފާ ދެއްވައިފިއެވެ.
ފައިޒަލް މަގާމުން އިސްތިއުފާ ދެއްވިކަން މިނިސްޓްރީ އޮފް ފިނޭންސުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. ފައިޒަލް ހޯމަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ މަގާމުން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް އެ މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިޒަލް އިސްތިއުފާ ދެއްވީ ސަރުކާރުން އަންގައިގެންނެވެ.
ޕޭ ކޮމިޝަނުގެ އެސްޖީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފައިޒަލް ވަނީ ދައުލަތުގެ މުހިންމު އެކި މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓާ އޮފް ޕާފޯމަންސް މެނޭޖްމަންޓްގެ މަގާމު ހިމެނެއެވެ.










