June 8, 2026
Advertisement
މާލީ ވަޒީރުކަމުގެ މަގާމަށް، ޓެކްސް ކޮމިޝަނަރުކަމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި
މާލީ ވަޒީރުކަމުގެ މަގާމަށް، ޓެކްސް ކޮމިޝަނަރުކަމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި / ރައީސް އޮފީސް

މާލީ ވަޒީރުކަމުގެ މަގާމަށް، ޓެކްސް ކޮމިޝަނަރުކަމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި

Jun 8, 2026, 03:50 PM
މާލެ ސިޓީ

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ނުވަތަ މީރާގެ އިސްވެރިޔާގެ މަގާމުގަައި ހުންނެވި ހަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިިއެވެ.

Advertisement

ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

މެއި 2024، ގައި ޓެކްސް ކޮމިޝަނަރަކަށް އައްޔަނު ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަންގެ މަގާމުގަ އެވެ. 

އޭގެ ކުރިން އޭނާ ހުންނެވީ ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓާ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރުގެ މަގާމުގަ އެވެ.

މީގެކުރިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވާފައިވާ ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގައި ބެޗެލާ އޮފް އެކައުންޓިންގް އަދި މާސްޓާ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލްކުރައްވާފަ އެވެ.

އޭނާ ވަނީ، އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީ.ޖީއެމްއޭ) އާއި، އޮސްޓްރޭލިއާގެ ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓް ގެ ކޮލިފިކޭޝަން ހާސިލުކުރައްވާފަ އެވެ.

މާލީ ވަޒީރުކަމުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved