
400 މިލިއަން ޑޮލަރުގެ ކަރަންސީ ސްބޮޕާ ގުޅިގެން ސަރުކާރުން ދަނީ ދޮގު މައުލޫމާތު ފަތުރަމުންކަމަށް ކުރީގެ މިނިސްޓަރު އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕާ ގުޅޭގޮތުން އަހުމަދު ވަނީ އެކްސްގައި ވަނީ ކަންބޮޑުވުން ފާޅުކޮށް ޕޯސްޓެއް ހިއްސާކޮށްފައެވެ.
އަހުމަދު ވިދާޅުވެފައިވަނީ، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕާ ގުޅޭގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ހާމަކުރައްވާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރުމަކީ ނުހަނު ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ރިޒާވްގެ ހާލަތާއި، ދަރަނި އަދާކުރުމުގެ ގާބިލުކަމުގެ އިތުރުން އަސާސީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަޖެއްސުމާ ސީދާގޮތުން ގުޅިފައިވާ، ދަރަނީގެ ގޮތުގައި ހޯދާފައިވާ މާލީ އެހީތެރިކަމެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި ފައިސާ އަނބުރާ ދެއްކުން ތަކުރާރުކޮށް ފަސްކުރަން ޖެހުމުން ދޭހަވަނީ، ރިޒާވް ހަރުދަނާކުރުމަށާއި ދަރަނި މެނޭޖްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެވެ. ދައުލަތުގެ އެކި މުއައްސަސާތަކުން މިފަދަ މުހިންމު މާލީ ކަންކަމުގައި ދެބަސްނުވާ، ސާފު އަދި އެއްގަލަކަށް އަރާ މައުލޫމާތު ހާމަކުރުމަކީ އިގްތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާ އަހުމަދު އިތުރަސް ވިދާޅުވެފައިވަނީ، ދެފުށް ފެންނަ ގޮތެއްގައި ކަންކަން ހާމަނުކުރެވޭނަމަ، ގައުމުގެ އިގްތިސާދަށް އޮތް އިތުބާރު ކުޑަވެގެން ދިއުމުގެ ނުރައްކާ އިންތިހާއަށް ބޮޑުކަން ވެސް ފާހަގަކުރައްވާއެވެ.
މި ކަރަންސީ ސްވޮޕު ދެއްކުން ފަސްކޮށްދިނުމަށް މިސަރުކާރުން އިންޑިއާގައި އެދިފައިވާ ކަމަށް އިންޑިއާއިން ހާމަކުރި ނަމަވެސް ރައީސްއާ މިކަމާ ގުޅޭ ގޮތުން ކުރި ސުވާލެއް ސާފު ޖަވާބެއް ދެއްވާފައިނުވެއެވެ.










