
ޗައިނާއިން ހިންގާ ޖައްވަށް ދަތުރުކުރުމުގެ ޕްރޮގްރާމްގެ ތަމްރީނުތަކުގައި ބައިވެރިވުމަށް ޕާކިސްތާނުގެ ދެ އެސްޓްރޮނޯޓުން ހޮވައިފިއެވެ. މިއީ ޖައްވީ ދިރާސާތަކުގެ ދާއިރާއިން ޗައިނާއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އާ ހިސާބަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިކަމަކީ ޕާކިސްތާނުގެ ސްޕޭސް އެންޑް އަޕަރ އެޓްމޮސްފިއާ ރިސާޗް ކޮމިޝަން (ސުޕާކޯ) އާއި ޗައިނާ މެނޭޑް ސްޕޭސް އެޖެންސީ (ސީއެމްއެސްއޭ) އާ ދެމެދު 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. މި ޕްރޮގްރާމަށް ހޮވިފައިވަނީ މުހައްމަދު ޒީޝާން އަލީ އާއި ޚުރާމް ދާއުދު އެވެ. މި ދެ ކެންޑިޑޭޓުންނަކީ ސެލެކްޝަންގެ ގިނަ މަރުހަލާތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ދެ ފަރާތެވެ.
މި ދެ އެސްޓްރޮނޯޓުން ކުރިއަށް އޮތް ތަނުގައި ޗައިނާގެ އެސްޓްރޮނޯޓް ސެންޓަރުގައި ތަމްރީނުތައް ފެށުމަށް އެ ގައުމަށް ދަތުރުކުރާނެއެވެ. އޮފިޝަލުން ހާމަކުރައްވާ ގޮތުގައި، މީގެ ތެރެއިން އެކަކު 2026 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ޓިއަންގޮންގް ސްޕޭސް ސްޓޭޝަނަށް ކުރާ މިޝަނެއްގައި ބައިވެރިވާނެއެވެ. ޖައްވީ ސްޓޭޝަންގައި ހޭދަކުރާ ދުވަސްވަރު، މައިކްރޯގްރެވިޓީގެ ދާއިރާއިން ސައިންޓިފިކް ތަޖުރިބާތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި މާއްދީ ސައިންސް، ފްލޫޑް ފިޒިކްސް، ލައިފް ސައިންސް، އަދި ބަޔޯޓެކްނޮލޮޖީ ހިމެނެއެވެ. މި ދިރާސާތަކުގެ ސަބަބުން މޫސުމަށް ކެތްތެރިވުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިކަން ސިފަކުރެއްވީ އެގައުމުގެ ޖައްވީ ތާރީޚުގައި އައި މުހިންމު މައިލްސްޓޯނެއްގެ ގޮތުގައެވެ. އަދި މިއީ ޕާކިސްތާނާއި ޗައިނާ ދެމެދު އޮތް ވަރުގަދަ ރަހުމަތްތެރިކަމުގެ ރަމްޒެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޗައިނާއިން މިހާރު މަސައްކަތް ކުރަމުންދަނީ އެގައުމުގެ ޖައްވީ ސްޓޭޝަނަކީ ބައިނަލްއަގްވާމީ ފެންވަރުގައި އެއްބާރުލުން ދޭނެ މަރުކަޒަކަށް ހެދުމަށެވެ. މި ޕްރޮގްރާމާއެކު ޕާކިސްތާން މިވަނީ އިންސާނުން ޖައްވަށް ފޮނުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަދު ގައުމުތަކުގެ ލިސްޓަށް އަރާފައެވެ. މިއީ ބައިނަލްއަގްވާމީ ޖައްވީ އެއްބާރުލުމުގައި ޗައިނާގެ ދައުރު ބޮޑުވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް މުރާސިލުން ފާހަގަކުރެއެވެ.










