
އީރާނުގެ ބާރުގެ ދަށުގައިވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ސްޕެއިންގެ އުޅަނދުފަހަރަށް އެއްވެސް ހުރަހެއް ނެތި ދަތުރުކުރެވޭނެ އިންތިޒާމު އީރާނުން ހަމަޖައްސައިފިއެވެ. މި ނިންމުމާއެކު ސްޕެއިންގެ ބޯޓުތަކާއި ޓޭންކަރުތަކަށް އެ ސަރަހައްދުން ދަތުރުކުރުމުގައި ފުރިހަމަ މިނިވަންކަން ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ސްޕެއިންގެ އުޅަނދުފަހަރު ހޮރްމުޒް ކަނޑުއޮޅި ބޭނުންކުރާއިރު އެއްވެސް ކަހަލަ ޓޯލް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. މިއީ ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށް ލިބުނު ބޮޑު ލުޔެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އީރާނުން ބުނެފައިވަނީ ސްޕެއިންގެ ދަތުރުފަތުރަށް ހުރަސްއެޅޭ އެއްވެސް ކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. މީގެ ތެރޭގައި ވިޔަފާރި އުޅަނދުފަހަރާއި ތެޔޮ އުފުލާ ޓޭންކަރުތައްވެސް ހިމެނެއެވެ.
މި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އިގްތިސާދީ ގޮތުން ސްޕެއިންއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާއިރު، މި ފުރުސަތުގެ ސަބަބުން ސްޕެއިންގެ މުދާ އުފުލުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބޭނެއެވެ.










