
މެދުއިރުމަތީގެ ގަލްފް ސަރަހައްދުގައި 43 ކޮންޓެއިނަރު ބޯޓު ތާށިވެފައި އޮތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ލޮއިޑްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު 10 ކޮންޓެއިނާ ޝިޕިން ކުންފުނީގެ މަދުވެގެން 43 ކޮންޓެއިނަރު ބޯޓު މެދުއިރުމަތީގެ ގަލްފް ސަރަހައްދުގައި އަދިވެސް ތާށިވެފައި އެބައޮތެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުނީއްސުރެ، ބޮޑެތި ޝިޕިން ކުންފުނީގެ ބޯޓުތައް ހޮރުމޫޒް ކަނޑުއޮޅިން ދަތުރު ކުރުން ވަނީ މެދުކަނޑާލައިފައެވެ. ލޮއިޑްސް ލިސްޓް ބުނާގޮތުގައި، މިކަމުގެ ސަބަބުން "ދުނިޔޭގެ ވިޔަފާރިއަށް ބޮޑެތި ލަސްވުންތަކާއި ޚަރަދުތައް އިތުރުވުން" ކުރިމަތިވިއެވެ.
އެކަމަކު، ސީއެމްއޭ، ސީޖީއެމް، ކޮސްކޯ، ހަޕަގް ލޮއިޑް ކުންފުނީގެ ބޯޓުތަކެއް ރައްކާތެރިކަމާއެކުގައި ހޮރްމޫޒް ކަނޑުއޮޅި ހުރަސް ކުރެވުނު ކަމަށް ބުނެފައިވެއެވެ. އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ އެމްއެސްސީގެ ކޮންޓެއިނަރު އުފުލާ ދެ ބޯޓެއް ހިފަހައްޓައިފައެވެ.









