
ނުރައްކާތެރި ހަންޓާވައިރަސް ފެތުރި، މީހުން މަރުވި ލަގްޒަރީ ކްރޫޒް ޝިޕް، ޓެނެރީފްގެ ޕޯޓް އޮފް ގްރަނަޑިއްލާ ސަރަހައްދަށް އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބަނދަރުކޮށްފި އެވެ.
މި ބޯޓު އެ ސަރަހައްދުގައި ބަނދަރުކުރީ ބޯޓުގައި ތިބި ފަސިންޖަރުންނާއި ބައެއް ފަޅުވެރިން ބޭލުމުގެ މަސައްކަތް ކުރުމަށެވެ.
ސްޕެއިންގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ބޯޓުން ބާލާ ފަސިންޖަރުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް، އެ މީހުންގެ ހަށިގަނޑުގައި ބަލި ހުރިތޯ ބެލުމަށް ސްޕެއިންގެ ސިއްހީ އިދާރާތަކުން ޓެސްޓުތައް ހަދާނެ ކަމަށާއި، އެއަށްފަހު ކުދި ބޯޓުފަހަރުގައި އެ މީހުން އެއްގަމަށް އުފުލާނެ ކަމަށް އޮފިޝަލުން މައުލޫމާތު ދެއްވަ އެވެ.
އެއްގަމަށް ބާލާ ފަސިންޖަރުން، ބޭރުގެ މާހައުލަށް ހުށަނޭޅޭ ގޮތަށް ބަންދުކޮށްފައިވާ ބަސްތަކެއްގައި، 10 މިނެޓު ދުރުގައި އޮންނަ އެ ރަށުގެ މައި އެއާޕޯޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެއަށްފަހު، އެ މީހުން އެނބުރި ގައުމުތަކަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓްތަކަށް އަރާނެ އެވެ.
ޔޫރަޕްގެ ޕަބްލިކް ހެލްތު އެޖެންސީން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ސައިންޓިފިކް ލަފާގައި ބުނެފައިވަނީ، "އެމްވީ ހޮންޑިއަސް" ނަމަކަށް ކިޔާ މި ލަގްޒަރީ ކްރޫޒް ޝިޕްގައި ތިބި ހުރިހާ ފަސިންޖަރުންނަކީ ވެސް ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު (ހައި ރިސްކް) ބައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ.










