
ޕާކިސްތާނުގެ ސަރުކާރުން އަލަށް ދޫކުރަން ފެށި އިލެކްޓްރޯނިކް ޕާސްޕޯޓުގައިވެސް، އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަކަމާއި އެ ގައުމަށް ދަތުރުކުރުން މަނާކަން ކަށަވަރުކޮށްދީފިއެވެ.
ޕާކިސްތާނުގެ ޕާސްޕޯޓުގައި، އިސްރާއީލަށް ދަތުރުކުރުމާ ގުޅޭ ގޮތުން އެ ގައުމުން ގެންގުޅޭ ދިގު މުއްދަތުގެ ސިޔާސަތު މިވަނީ އަނެއްކާވެސް އާކޮށްފައެވެ. އެންމެ ފަހުން ނެރުނު ޕާސްޕޯޓުގައިވެސް ލިޔެފައިވަނީ "މި ޕާސްޕޯޓަކީ އިސްރާއީލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ސައްހަ ޕާސްޕޯޓެކެވެ." މިފަދައިންނެވެ.
މިއީ ޕާކިސްތާނުން އިސްރާއީލަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިނުގަނެ، އެ ގައުމާއެކު ޑިޕްލޮމެޓިކް އެއްވެސް ގުޅުމެއް ނުބަހައްޓާތީ ގެންގުޅޭ ދިގު ޒަމާންތަކެއްވީ ސިޔާސަތެކެވެ. ޕާކިސްތާނުގެ ޕާސްޕޯޓްތަކުގައި މި އިބާރާތް ހިމަނަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، ޕާސްޕޯޓުގެ ޑިޒައިަނަށް ގެނައި އެންމެ ފަހުގެ ބަދަލުތަކާއެކުވެސް މި އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
މި މައްސަލައަށް އަލުން ސަމާލުކަން ލިބިފައިވަނީ، އާ ޕާސްޕޯޓުގެ ތަސްވީރުތައް ސޯޝަލް މީޑިއާގައި ފުޅާދާއިރާއެއްގައި ދައުރުވާން ފެށުމުންނެވެ. ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، މެދުއިރުމަތީގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސް، ބައެއް އިސްލާމީ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ގާއިމްކުރި ނަމަވެސް، ޕާކިސްތާނުން އަދިވެސް އޮތީ ފަލަސްތީނުގެ ހައްގުގައި ސާބިތުކަމާއެކުގައެވެ.
ޕާކިސްތާނުގެ ޖެހިޖެހިގެން އައި ސަރުކާރުތަކުން ތަކުރާރުކޮށް ބުނަމުންދަނީ، އިސްރާއީލާއެކު ގުޅުން ގާއިމްކުރުމުގެ ވިސްނުމެއް އެ ގައުމުން ނުގެންގުޅޭ ކަމަށެވެ. އެ ގައުމުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އިސްރާއީލާ މެދު ގެންގުޅޭ ސިޔާސަތަށް ބަދަލެއް އަންނާނީ ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި އަދި ދެމިއޮންނަ ހައްލެއް ލިބި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރެވިގެންނެވެ.
މި ނިންމުމަށް ޕާކިސްތާނުގެ ގިނަ ރައްޔިތުންނާއި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ތައުރީފު ކުރަމުންނެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި، ޕާސްޕޯޓުގައި އެ ލިޔުން ހިމެނުމަކީ ހަމައެކަނި ދަތުރުފަތުރުގެ އުސޫލެއް ނޫނެވެ. އެއީ މުޅި މެދުއިރުމަތީގެ ސިޔާސީ ހަގީގަތްތައް ބަދަލުވަމުން ދިޔަ ނަމަވެސް، އިންސާނީ ހައްގުތަކާއި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށްޓަކައި ޕާކިސްތާނުން ގެންގުޅޭ ވަރުގަދަ އަޒުމާއި ރަމްޒެކެވެ.










