
އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އަރިހުގައި އެމެރިކާއިން ކުރިމަތިކުރާ ފިއްތުންތަކާއި އިންޒާރުތަކުގެ ކުރިމަތީގައި އީރާނުން ދޫނުދޭނެކަން ހާމަކުރައްވައިފިއެވެ.
ތެހެރާންގައި ބޭއްވުނު މި ބައްދަލުވުމުގައި ރައީސް ޕެޒެޝްކިއަން ވިދާޅުވީ، އެމެރިކާއިން އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އީރާނު ވަށާލައި، ނުފޫޒު ފޯރުވަން މަސައްކަތްކުރާ ހާލަތެއްގައި އެ ގައުމާއެކު އެއްވެސް މަޝްވަރާއެއް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުން ޕާކިސްތާނަށް ކުރަން އޮތް ދަތުރު ކެންސަލްކުރުމަކީ އެމެރިކާގެ އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޕެޒެޝްކިއަން އިތުރަށް ވިދާޅުވީ، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކާއި ބިރުދެއްކުމުގެ ސިޔާސަތު ގެންގުޅޭހާ ހިނދަކު، އީރާނުގެ ސިޔާދަތީ މިނިވަންކަމަށް އުނިކަން އަންނަ ފަދަ އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށެވެ. މި ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ހަރަކާތްތަކަކީ އެމެރިކާއިން މެދުއިރުމަތީގެ ގައުމުތަކަށް ފޯރުވަމުންދާ ނޭދެވޭ ނުފޫޒާ ދެކޮޅަށް އިސްލާމީ ގައުމުތަކުން ތެދުވަންޖެހޭ ވަގުތު ޖެހިފައިވާކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.




