
ފެނަކަ ކޯޕަރޭޝަންގެ ބޮޑު ހިޔާނާތާ ބެހޭ، އެ ކުންފުނީގެ ހާއްސަ އޮޑިޓް ރިޕޯޓުގެ މައްސަލަ ބަލަމުން އައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މުގައްރިރުގެ މަގާމު އަދާކުރައްވަމުންގެންދެވި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ނާޒިމުގެ ބަދަލުގައި، އެ ކޮމިޓީއަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އައްޔަންކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުން ގެންދާ ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކާއި، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241ކޮމިޓީ) އިން ބަލަމުން ގެންދާ ސަލާމަތާބެހޭ ގިނަ މައްސަލަތަކެއްގައި އިސްކޮށް އުޅުއްވި ނާޒިމް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ، އެ ދެ ކޮމިޓީން ވަކިކޮށްފައެވެ.
ނާޒިމްގެ ބަދަލުގައި ސަބް ކޮމިޓީއަށް އައްޔަންކުރި ސަލީމް އަކީ މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރެވެ. އަދި 241 ކޮމިޓީގެ މުގައްރިރެވެ.
ނާޒިމް ވަކިކުރި ފަހުން މާލިއްޔަތު ކޮމިޓީގެ ފެނަކަ މައްސަލަ ބަލާ ސަބް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެއް ނުވެއެވެ.










