
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގާ ކަމަށް ބުނާ ވައްކަންތަކާއި ޣައިރު ޤާނޫނީ އަމަލުތައް ފޮރުވުމަށްޓަކައި، ޕީއެންސީގެ މަޖިލިސް މެންބަރުން މެދުވެރިކޮށް ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތް ރައީސް ކުރައްވަމުންދާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ތުހުމަތުކުރައްވައިފިއެވެ.
މެންބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނާއި ޤާނޫނާ ޚިލާފު ކަންކަން ފޮރުވުމަށްޓަކައި، ސަރުކާރުގެ "މޮޅު ވާހަކަ" ދެއްކުމަށް ރައީސް މުޢިއްޒު ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށެވެ. އަދި މިގޮތުން ޓީވީ ޗެނަލްތަކަށް އަރައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އައްބާސް ވަނީ މަޖިލިސް މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ހައްޤުގައި މަޖިލީހުގައި ބަހެއް ބުނަން ނުކެރި ތިބެ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ރައީސެއްގެ ދިފާޢުގައި ޓީވީތަކަށް އަރައި ދޮގު ވާހަކަ ދައްކަނީ "ވަރަށް ގޮތެއް ނެތީމަ" ކަމަށެވެ. މެންބަރުން އިންތިޚާބު ކުރި ރައްޔިތުންގެ މަސްލަހަތަށްވުރެ ސަރުކާރުގެ ދިފާޢުގައި މަސައްކަތް ކުރުން އިސްކުރާތީ އައްބާސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.










