
ކުނިވެފައިވާ ލޭ ކުދިންގެ ގަޔަށް އެޅި މައްސަލައާ ގުޅިގެން ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ޑރ. ޖަމީލް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ބްލަޑް ސަރވިސްގެ ތެރޭގައި ބޮޑެތި އިހުމާލުތަކެއް ހިމެނޭއިރު، މުޅި ސަރުކާރުގެ ސިއްޙީ ނިޒާމު ވަނީ ބޮއްސުންލާފައި ކަމަށެވެ.
ޑރ. ޖަމީލް ފާހަގަކުރެއްވި ގޮތުގައި މިއަދު ހޮސްޕިޓާތަކުން އެކަށީގެންވާ ފަރުވާ ނުލިބިގެން ފުރާނަތައް ގެއްލެމުންދާއިރު، މެންޓަލް ހެލްތުގެ މައްސަލަތަކަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ބޮޑެތި ހާދިސާތައް ހިނގަމުންދާ ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އާސަންދަ ނިޒާމު ފުނޑާލާފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އެތަނުން (އާސަންދައިން) ވައްކަންކުރި މީހާއަށްވެސް ލިބުނީ ބޮޑު އިނާމު. މުޅި ދައުލަތުގެ ތެރޭ ވައްކަމާ ކޮރަޕްޝަން އާންމުވުމުގެ ސަބަބުން އަސާސީ ޚިދުމަތްތަކަށް ހޭދައެއް ނުކުރޭ،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ސަރުކާރުގެ ވަޒީރުންނަށް އަމާޒުކުރައްވައި ޑރ. ޖަމީލް ވިދާޅުވީ، ވަޒީރުންނަކީ ހަމައެކަނި މުސާރަ ނަގަން ދަސްވެފައި ތިބި، އެއްވެސް ހުނަރެއް ނެތް ބައެއް ކަމަށެވެ. އަދި ޒިއްމާ އަދާނުކޮށް ހަމައެކަނި ހުސް ވާހަކަ ދައްކަމުންދާ ކަމަށާއި، މިއަދު ފެންނަމުންދަނީ އެކަމުގެ ނަތީޖާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
މި މައްސަލައަކީ ތެލެސީމިއާ ކުދިންގެ ގަޔަށް ކުނިވެފައިވާ ލޭ އެޅި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޖަމީލް ކުރެއްވި ޕޯސްޓެކެވެ.








