
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ ރައީސް ލަޑީމިއަރ ޕޫޓިންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ބަދަހިކުރުމާއި، މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. ޚާއްޞަކޮށް އިޒްރޭލުން އިރާނަށާއި ފަލަސްޠީނުގެ ޣައްޒާއަށާއި ލުބުނާނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، މިކަމަށް އޮތް ހައްލުތަކާ މެދު ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ "ކޮމްޕްރެހެންސިވް ސްޓްރެޓީޖިކް ޕާޓްނަޝިޕް" އެއްބަސްވުމާ ގުޅޭގޮތުންނާއި، އިގްތިސާދީ އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
ރައީސް ޕޫޓިން މި ބައްދަލުވުމުގައި ވިދާޅުވީ، ރަޝިޔާއާއި އީރާނާ ދެމެދު އޮތް ގުޅުމަކީ ދެ ގައުމަށްވެސް ވަރަށް މުހިންމު ގުޅުމެއް ކަމަށާއި، ބައިނަލްއަގުވާމީ މަސްރަހުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އީރާނުގެ އާ ސަރުކާރާއެކު މަސައްކަތް ކުރުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު އަރާގްޗީގެ މި ދަތުރުފުޅަކީ، ހުޅަނގުގެ ގައުމުތަކުން ދެ ގައުމަށް ކުރިމަތިކުރަމުންދާ ފިއްތުންތަކާ ދެކޮޅަށް، ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.










