
އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާންއާ ދެކޮޅަށް ކުރަމުން އައި ހަނގުރާމައިގެ ސަބަބުން އެމެރިކާ ވަނީ ލަދުވެތި ގޮތަކަށް ބަލިވެފައި ކަމަށް އީރާންގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ މިއަދު ވިދާޅުވެއްޖެއެވެ.
އީރާންގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް މުޖްތަބާ ޚާމަނާއީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާއަށް ލިބުނު "ލަދުވެތި ނާކާމިޔާބީ"އާއެކު ހޮރްމޫޒް ކަނޑުއޮޅީގައި "އާ ބާބެއް" ފެށިފައިވާ ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން އެމެރިކާ އަށް ލިބުނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ސަރަހައްދުގައި ހިންގި އެންމެ ބޮޑު އަސްކަރީ އުދުވާނުގައި އެމެރިކާއަށް ލިބުނު ލަދުވެތި ނާކާމިޔާބީއަށް މިއަދު ދެ މަސް ފާއިތުވީއިރު، ގަލްފު އެތެރެވަރި އާއި ހޮރްމޫޒް ކަނޑުއޮޅިއަށް ވަނީ އާ ބާބެއް ފެށިފައި،" މުޖްތަބާ ޚާމަނާއީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ލިޔުމުން ނެރުއްވި ބަޔާނުގައިވެއެވެ.
މުޖްތަބާ ޚާމަނާއީގެ މެސެޖް މިއައީ ނޭޝަނަލް ޕާޝިއަން ގަލްފް ދުވަހުގެ މުނާސަބަތުގައެވެ. މި ދުވަހަކީ 1622 ވަނަ އަހަރު ހޮރްމޫޒު ކަނޑުއޮޅިން ޕޯޗުގީޒް ފައުޖުތައް ބޭރުކޮށްލުން ފާހަގަ ކުރާ ދުވަހެވެ.
އެމެރިކާއާ ނުލައި ގަލްފުގެ މުސްތަގުބަލް ވަރަށް އުޖާލާވާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
އީރާނުގެ ރައްޔިތުންނަށް ތައުރީފު ކުރައްވައި މުޖްތަބާ ވިދާޅުވީ ސައިންސް، ސިނާއީ، ނިއުކްލިއާ އަދި މިސައިލް ޓެކްނޮލޮޖީ ފަދަ ހުރިހާ ދާއިރާތަކަކީ ގައުމުގެ ރައުސުލްމާލު ކަމަށެވެ. ނިއުކްލިއާ އަދި މިސައިލް ގާބިލުކަން ގާތުން ބަލަހައްޓަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.










