
އީރާނުގެ އަސްކަރިއްޔާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ފޮނުވައިފިއެވެ. އީރާނުގެ ސިފައިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާއިން އަނެއްކާވެސް އެ ގައުމަށް ހަމަލާދިނުމަށް ރާވަމުންދާކަމުގެ އިތުބާރު ހުރި މައުލޫމާތު ވަނީ ލިބިފައެވެ.
މިކަމާ ގުޅިގެން އީރާނުގެ އަސްކަރީ އިސް އޮފިޝަލުން ވިދާޅުވީ، އީރާނުގެ ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ހަމަލާއެއް ދީފިނަމަ، އޭގެ ބަދަލު ހިފުން ވަރަށް ވަރުގަދަވާނެ ކަމަށެވެ. އަދި އީރާނަށް ހަމަލާދީފި ނަމަ، މުޅި މެދުއިރުމަތީގެ ތެލާއި ގޭހުގެ ސިނާއަތަށް "އަލްވަދާއު ކިޔަންޖެހޭނެ" ކަމުގެ އިންޒާރު އެ ގައުމުން ވަނީ ދީފައެވެ.
އީރާނުން ބުނެފައިވަނީ އެ ގައުމާ ދެކޮޅަށް އެމެރިކާއިން އެއްވެސް އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ، މުޅި ސަރަހައްދުގެ ހަކަތައިގެ ސިނާއަތް ހުއްޓުމަކަށް ގެންނާނެ ކަމަށާއި، މީގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައި ދިގު މުއްދަތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ. މިއީ އެމެރިކާގެ ރޭވުންތަކާ ދެކޮޅަށް އީރާނުން ދިން އެންމެ ހަރުކަށި އެއް އިންޒާރެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އީރާނުގެ މި އިންޒާރަކީ މެދުއިރުމަތީގައި ހުރި ހުޅަނގުގެ މަސްލަހަތުތަކާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށްދީފައިވާ ސީދާ އިންޒާރެކެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރަހައްދީ ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.










