
މެދުއިރުމަތީގެ އެކިއެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަކީ "އެމެރިކާގެ ޕަޕެޓް މަރުކަޒުތަކެއް" ކަމަށް ވިދާޅުވެ، އީރާންގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ، އަރަބި ބޮޑެތި ގައުމުތަކަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.
އީރާންގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް މުޖްތަބާ ޚާމަނާއީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާބިލުކަން ވެސް އެމެރިކާގެ ނެތް ކަމަށެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ސަބަބުން ސަރަޙައްދުގެ ރައްކާތެރިކަން ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ.
މުޖްތަބާ ވިދާޅުވި ގޮތުގައި މި ރައްކާތެރިކަން ނެތީ އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި ހުރި ގައުމުތަކަށް ވެސް ހަމަލާތައް އަމާޒުވި ކަން މުޖްތަބާ ވަނީ ފާހަގަ ކުރައްވައިފައެވެ.
ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމަށް އިރާނުން އަލަށް ގެންނަ "ގާނޫނީ އޮނިގަނޑާއި މެނޭޖްމަންޓް" ގެ ސަބަބުން ސަރަހައްދުގެ ގައުމުތަކަށް ހިތްހަމަޖެހުމާއި ކުރިއެރުން ލިބޭނެ ކަމަށް ވެސް މުޖްތަބާ ވިދާޅުވިއެވެ.
އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ހަމަލާގައި އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީއަށް ވެސް އަނިޔާވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާ ދޭން ފެށި ފަހުން، މުޖްތަބާ ޚާމަނާއީގެ އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއް އާންމުކޮށްފައެއް ނުވެއެވެ. މިހާތަނަށް އައިއިރު، އީރާނުން ހާމަކޮށްފައިވަނީ މުޖްތަބާ ޚާމަނާއީގެ ބަޔާންތަކެވެ. އެ ބަޔާނުގައި އޭނާ އިންޒާރު ދެއްވީ ދުޝްމަނުންގެ ގޮތުގައި އޮތް އެމެރިކާ އާއި އިސްރާއީލަށެވެ.










