
ޗައިނާއާ އެކު ސިޔާސީ އަދި ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެފްރިކާ ބައްރުގެ ހުރިހާ ގައުމުތަކަކުން ޗައިނާއަށް އެތެރެކުރާ މުދަލުން ޓެކްސް ނުވަތަ ޓެރިފް ނުނަގާ ގޮތަށް ޗައިނާ ސަރުކާރުން ހަމަޖައްސައިފިއެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމުގެ ދަށުން، ޗައިނާއާ ޑިޕްލޮމެޓިކް ގުޅުން އޮންނަ އެފްރިކާގެ 53 ގައުމަކުން އެކްސްޕޯޓްކުރާ އުފެއްދުންތަކުން "ޒީރޯ ޓެރިފް" ނުވަތަ އެއްވެސް ޑިއުޓީއެއް ނުނަގާނެއެވެ. މިއީ އެފްރިކާގެ ގައުމުތަކުގެ އިގްތިސާދު ކުރިއެރުވުމަށާއި ޗައިނާއާއެކު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އާ އުސޫލުގެ ސަބަބުން އެފްރިކާގެ އުފެއްދުންތަކަށް ޗައިނާގެ ބޮޑު މާކެޓުން ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން ބައެއް ގައުމުތަކަށް މިފަދަ ލުއިތަކެއް ދީފައިވީ ނަމަވެސް، މިއީ އެފްރިކާގެ ގާތްގަނޑަކަށް ހުރިހާ ގައުމަކަށް މިފަދަ ފުރުސަތެއް ހުޅުވާލި ފުރަތަމަ ފަހަރެވެ.
މި ނިންމުމަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ މައިދާނުގައި ޗައިނާ އާއި އެފްރިކާއާ ދެމެދު އޮންނަ ގުޅުން އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީއަށާއި، އިގްތިސާދީ ގޮތުން އެފްރިކާގެ ގައުމުތައް ބާރުވެރިކުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.










