
ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން މަގުމަތީގައި ހިންގާ ހަރަކާތްތަކުގައި ސިޔާސީ ޕާޓީތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަންކަން ކުރަމުންދާ ކަމަށް ބުނެ އެކަން ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ)އިން އަނެއްކާވެސް ދީފިއެވެ.
އީސީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.
އެގޮތުން، ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ހުއްދަ ކުރާ ދާއިރާގެ ތެރެއިން އަމަލުކުރުމަކީ ގާނޫނުން ލާޒިމް ކޮށްފައިވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ ޕީއެންއެފް އިން ބާއްވާ އެއްވުންތަކާއި ހިންގާ ހަރަކާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކުރަމުންދާކަމަށް އެ ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ، އެފަދަ އަމަލުތައް ނުހިންގަން ނަސޭހަތްތެރިވެފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މަޝްވަރާކުރަން އީސީއަށް ހާޒިރުވުމަށް ދައުވަތު ދީފައިވީ ނަމަވެސް، ކޮމިޝަނަށް ހާޒިރުވާން ޕީއެންއެފުން އުޒުރުވެރިވެފައިވާ ކަމަށް އީސީން ބުންޏެވެ. އަދި އެ ޕާޓީން އެއްވުންތަކާއި މުޒާހަރާތައް ބާއްވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް އީސީން ބުނެއެވެ.
އެހެންވެ، އަމަލުތައް ތަކުރާރު ކުރާ ނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު ކޮމިޝަނުން އަޅާނެ ކަމަށް ބަޔާނުގައިވެއެވެ.
މިފަދަ އިންޒާރެއް ތަކުރާރުކޮށް އީސީއިން މިދިނީ ސަރުކާރުގެ ޕްރެޝަރ ބޮޑުވެ ޕީއެންސީގެ ޝަކުވާ އިތުރުވެގެން ކަމަށްވެއެވެ.










