
ސަރުކާރު ޖަވާބުދާރީކުރުވުމަށް ޕީއެންއެފް އިން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓުވުމަށް، ސަރުކާރު ހިންގާ ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ގަރާރުގައި، އިދިކޮޅު ޕާޓީތަކުން މާލޭގައި ބާއްވަމުންދާ އެއްވުންތަކަކީ ގާނޫނާ ހިލާފު ކަންކަން ކަމަށް ސިފަކޮށް، އެކަންކަން ހުއްޓުވައި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ދައްކާތީ، އެ އަޑުތައް ކަނޑުވާލުމަށްޓަކައި ސަރުކާރުން ދަނީ ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ނުފޫޒު ފޯރުވަމުންނެވެ.
މި ހަރަކާތްތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ރޭ ނެރުނު ބަޔާނުގައި ޕީއެންއެފްއަށް އިންޒާރު ދީފައިވަނީ ސަރުކާރުގެ ޕްރެޝަރުގެ ދަށުން ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ.
ސަރުކާރު ޖަވާބުދާރީކުރުވުމަށް މަގުމަތީގައި ބާއްވާ އެއްވުންތަކުގެ ސަބަބުން އާންމުންނަށް ދަތިވާކަމަށް ބުނެ ޕީއެންސީން ގަރާރު ހުށަހެޅި ނަމަވެސް، މިއީ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށްޓަކައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އަމަލެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.










